މާލިއްޔަތު ގާނޫނުގެ ހަ މާއްދާއެއް އިސްލާހުކޮށްފައިވާ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްތީގު ކުރައްވައިފި އެވެ.

މާލިއްޔަތު ގާނޫނުގެ ފަސް މާއްދާއަކަށް އިސްލާހު ގެނައުމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވައި، ކޮމެޓީން ދިރާސާކޮށް، އެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. މާލިއްޔަތު ގާނުނަށް ގެނައި އިސްލާހު ރައީސް ވަނީ ތަސްތީގު ކުރައްވައި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފަ އެވެ.

މާލިއްޔަތު ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން، ދައުލަތުގެ ކޮންމެ އޮފީހަކުން، އެތަނަކަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާ އެތަނުން ހިނގާނެ ކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި، ކެޕިޓަލް ޚަރަދު ހިމަނައިގެން އެ އަހަރަކަށް ލަފާކުރާ ބަޖެޓް އެކުލަވާލަންޖެހެ އެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ތާރީޚަށް ނުވަތަށް އެ ތާރީޚުގެ ކުރިން ފިނޭންސް މިނިސްޓްރީ އަށް ބަޖެޓް ފޮނުވަން ވާނެ އެވެ. އަދި އެކަންކަން ކުރަންވާނީ، ކޮންމެ އޮފީހެއްގައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރުވެރިޔާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އެ އިސްލާހުގައި އަދި ބުނެފައި ވަނީ ދައުލަތުގެ ކޮންމެ އޮފޯހަކަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއާ އެތަނަކަށް ހިނގާނެ ކަމަށް ލަފާކުރާ ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދުގެ ހުލާސާ ދައުލަތުގެ އަހަރީ ބަޖެޓްގައި ހިމަނަން ވާނެ ކަމަށެވެ. އަދި ދައުލަތުގެ އޮފީސްތަކުން ކުރުމަށް ހުށަހަޅާ ބޮޑެތި ރިކަރަންޓް ޚަރަދާއި ކެޕިޓަލް ޚަރަދުތަކުގެ ތަފްސީލު ދައުލަތުގެ އަހަރީ ބަޖެޓްގައި ހިމަނަންވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ދައުލަތުގެ އޮފީހަކާ ގުޅޭ ގޮތުން ޚާއްސަ ކެޕިޓަލް ޚަރަދުގެ ގޮތުގައި ނުވަތަ ފާސްވެފައިވާ ބަޖެޓެއްގައި ވަކި ޚދުމަތަކަށް ދައުލަތުގެ ފައިސާ ކަނޑައަޅާފައިވަނިކޮށް، އެ މައްސައްކަތުގެ ނުވަތަ އެ ޚިދުމަތުގެ ޒިންމާ ދައުލަތުގެ އެހެން އޮފީހަކަށް ބަދަލުވެއްޖެ ނަމަ، ޚަރަދުނުވެ ބަޖެޓްގައި ހުރި ފައިސާ މިނިސްޓަރުގެ ހުއްދައާ އެކު އަލަށް އެ މަސައްކަތް ހަވާލުވި ނުވަތަ އެ ޒިންމާއާ ހަވާލުވި އޮފީހަކަށް ބަދަލުކޮށް އެ އޮފީހަކުން އެ ޚަރަދު ކުރެވިދާނެ ކަމަށެވެ.

ފާސްކުރި އިސްލާހުގެ 35 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ދައުލަތުގެ ކޮންމެ އޮފީހެއްގައި އެ ގާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރުވެރިޔާ ކޮންމެ މީލާދީ އަހަރެއް ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓެއް އޮޑިޓަޖެނެރަލަށް ހުށަހަޅަންވާނެ ކަމަށެވެ.