ސަރުކާރު މުވައްޒަފުންގެ މުސާރަ ކުރިން ހުރި މިންވަރަށް މިއަހަރު ތެރޭގައި އަނބުރާ އިޔާދަ ކުރެވޭވަރު ވާނެކަމަށް އުންމީދުކުރައްވާ ކަމުގައި ރައީސުޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސް ނަޝީދު މިހެން ވިދާޅުވީ، ނައިފަރު މަލްޓި ޕާޕަސް ބިލްޑިންގުގައި ރޭ ބޭއްވުނު ޅ. އަތޮޅުގެ ތަރައްޤީގެ މަޝްރޫއުތަކާބެހޭ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ މަސައްކަތުންނާއި، ސަރުކާރު މުވައްޒަފުންގެ އެހީތެރިކަމާއެކީގައި ހިންގުނު މަޝްރޫޢުތަކުން ދައުލަތުގެ އާމްދަނީ މިހާރު ހަތް ބިލިއަން ރުފިޔާއަށް އެރުމާ ގާތްވެފައިވެފައިވާ ކަމަށާއި، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުރިން ހުރިވަރަށް އަލުން އަނބުރާ ގެނެސްދެވޭނެ ކަމަށެވެ. މިކަން މިގޮތަށް ކުރެވުނީ މުވައްޒަފުންގެ ވަރަށް ބޮޑު ގުރުބާނީއަކަށްފަހު ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެހައި މުވައްޒަފުންނަށް އެމަނިކުފާނު ޝުކުރު އަދާކުރައްވާ ކަމަށެވެ.


ރައީސްގެ ވާހަކަފުޅުގައި ދައުލަތުގެ ބަޖެޓުން ރާއްޖެ ތަރައްގީ ކުރުމަށްޓަކައި، އެ ބަޖެޓަކީ ޕްރޮގްރާމް ބަޖެޓަކަށް ހަދަންޖެހޭކަމުގައި ވަނީ ވިދާޅުވެފަ އެވެ.