މަސްތުވެގެންހުރެ ދެ މީހަކަށް ވަޅިން ބިރުދައްކައި މަރުގެ އިންޒާރު ދިން ކުޑަކުއްޖެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް ފޮނުވާފައި ވަނީ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އިތުރުން މަސްތުވާތަކެތި ގެންގުޅުނު ދެ މީހެއްގެ މައްޗަށް ވެސް ދައުވާ ކުރަން ޕީޖީ އޮފީހަށް ފުލުހުން ވަނީ ފޮނުވާފަ އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން ދައުވާ ކުރުމަށް ޕީޖީއޮފީހަށް ފޮނުވާފައިވަނީ ލ. ގަން، މުކުރިމަގު، ހަވާނާ ޢަބްދުލްބާރީ ޢަބްދުﷲ 27، އާއި ގަން މަތިމަރަދޫ، ދޭލިޔާގެ އުމަރު އަލީ 35، ގެ މައްޗަށް ކަމަށެވެ. އަދި އެ މީހުންގެ މައްޗަށް ދައުވާ ކުރުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ޕީޖީއަށް ފޮނުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު ލ. ފޮނަދޫ ފިހާރައެއް ކައިރީ މަސްތުވާތަކެތި ގެންގުޅުޅު މައްސަލައާ ގުޅިގެންނެވެ.

މަސްތުވާތަކެތީގެ އެ މައްސަލައިގެ އިތުރުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ ވައްކަމުގެ މައްސަލަ އެއް ވެސް ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށެވެ.

ފުލުހުން ބުނީ ދައުވާ ކުރަން ފޮނުވި މައްސަލައަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ބްލޫކޭ ސަފާރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އޮފީހަށް ވަދެ ވައްކަންކޮށްފައިވާ މައްސަލައެއް ކަމަށެވެ.

ވަޅިން ބިރު ދައްކައި މަރުގެ އިންޒާރު ދިން ކުޑަކުއްޖެއްގެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު، ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުމުން މަނާ ކުރުމުގެ ގާނޫނު ދެ ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނެވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރު ދެއްކުމަކީ ނުވަތަ އިންޒާރު ދިނުމަކީ ކުށެކެވެ. އަދި އެފަދަ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ ހަ މަސްދުވަހާއި 18 މަސްދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ.

އޭ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަގުބޫލު ސަބަބެއް ނެތި އެއްވެސް ބާވަތެއްގެ ނުރައްކާތެރި ހަތިޔާރެއް ނުވަތަ ތޫނު އެއްޗެއް އާންމުތަނެއްގައި ގެންގުޅުމަކީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަ މަސްދުވަހާއި އެއް އަހަރު ދުވަހުގެ މައްދަތައް ޖަލަށްލުމެވެ.