ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އިން ހުޅުވާލައިފި އެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ މެރިންކޯ، ސެޕެޝަލް ފޯސަސާއި ފަޔާ އެންޑް ރެސްކިޔު ސާވިސްއާއި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)އާއި މިލިޓަރީ ޕޮލިހާއި މެޑިކަލް ސާވިސްއާއި ކޯ އޮފް އިންޖިނިއާސްާއި ސާވިސް ކޯ، އަދި ކޯސްޓްގާޑްގެ ދާއިރާއިންނެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ބުނެފައި ވަނީ، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ގްރޭޑް 10 ނިންމާފައިވުމާއިއެކު، ދިވެހި އިސްލާމް އާއިއެކު ޖީސީއީއޯ ލެވެލް އިމްތިހާނުން ދަށްވެގެން ހަތަރު މާއްދާއިން ފާސްވެފައިވުން ނުވަތަ މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކުގެ ލެވެލް ހަތަރެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއި، އުމުރުން 18 އަހަރު ފުރި 28 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުމެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، ފިރިހެނަކު ނަމަ އިސްކޮޅު ފަސް ފޫޓް ފަސް އިންޗި ހުރުމާއި، އަދި އަންހެނަކު ނަމަ ފަސް ފޫޓް ތިން އިންޗި ފުރިހަމަވުމާއި، ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގްރާމުގެ ދަށުން ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުވުމާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ހިމެނިފައި ނުވުމެވެ.

މީގެ އިތުރުން ވެސް ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަވިއު އިން ފާސްވާ މީހުންނަށްދޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، އަދި ދުވުން)، ސްވިމިން އަދި އެޕްޓިޓިއުޑް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބަލާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ.

ސިފައިންގެ ވަޒީފާއަށް ވަނުމަށް ފުރުސަތު ހުޅުވާލާފައިވާއިރު، ސިފައިންގެ ތެރޭގައި އަންހެނުން އިތުރު ކުރުމަށް ސިފައިންގެއަށް މީހުން ވެއްދުމަށް ރެކްރޫޓްކުރާ ކޮންމެ ބެޗަކުން ވެސް ކަނޑައެޅޭ ވަކި ޕަސެންޓަކީ އަންހެނުން ކަމުގައި ކަނޑައެޅުމަށް ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ.