ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ތަސްދީގު ކުރައްވައިފި އެވެ.

މިދިޔަ މަހުގެ މަހުގެ 25 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 38 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޞުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލު" ތަސްދީގު ކުރެއްވުމާ ގުޅިގެން، އެ ޤާނޫނު، ގެޒެޓްގައި ވަނީ ޝާއިޢު ކޮށްފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ޤާނޫނަކީ ޤާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ލިބިދޭ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤު ބޭނުންކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މިޤާނޫނުގެ ބޭނުމަކީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން، ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ޤާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވީހިނދު، އެ މިނިވަންކަމުގެ ހައްޤުގެ ހަމަތައް ބަޔާންކުރުމާއި، އިންސާނީ ހައްޤުތަކުގެ ބައިނަލްއަޤްވާމީ ޤަރާރުގެ 20 ވަނަ މާއްދާގެ (1) ވަނަ ނަންބަރުން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤުގެ ހަމަތައް ރާއްޖޭގައި އިންތިޒާމު ވެގެންވާގޮތް ބަޔާންކުރުމެވެ.

އަދި މަދަނީ، ސިޔާސީ ހައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާގެ 21 ވަނަ މާއްދާއިން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤުގެ ހަމަތައް، ރާއްޖޭގައި އިންތިޒާމުވެގެންވާ ގޮތް ބަޔާންކުރުމާއި، ވަކި މަސްލަހަތުތަކެއް ރައްކާތެރި ކުރުމަށްޓަކައި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްޤު، ޤާނޫނަކުން ހަނިކުރެވިދާނެ ކަމަށް މަދަނީ އަދި ސިޔާސީ ހައްޤުތަކުގެ ބައިނަލްއަޤްވާމީ މުޢާހަދާގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ)އަށް ޙަވާލާދީ، އެ ޙައްޤު ހަނިކުރެވިދާނެ ޙާލަތްތައް، މި ޤާނޫނުގައި ކަނޑައެޅުމެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލް ރައީސް އިއްޔެ ތަސްދީގު ކުރެއްވިއިރު، ސިޔާސީ ޕާޓީތަކުގެ ބިލާއި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް ވަނީ ތަސްދީގު ނުކުރައްވާ އެ ބިލްތައް އިސްލާހުކުރެއްވުމަށް އަނބުރާ މަޖިލީހަށް ވަނީ ފޮނުވާލާފަ އެވެ.