11 Jan 2013, 06:43
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ކުރުމަށް ފުލުހަކު މުގުރު ބޭނުން ކުރުމުން ސައިކަލް ކޮންޓްރޯލުން ނެއްޓި ހިނގި އެކްސިޑެންޓްގައި މަރުވި ސ. ހިތަދޫ ރަތްފުސްގޭ އަބްދުﷲ ގާސިމް 43، ގެ އާއިލާގެ ބޭފުޅުންނާއި އޭނާ މަރުވި ހާދިސާ ތަހުގީގު ކުރާ ޕޮލިސް އިންޓްގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރުން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރު ކުރުމަށް ނިންމައިފި އެވެ.
ސަރުކާރުގެ މައްސޫލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް އިއްޔެގެ ހާޒިރުވި މެންބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ގާސިމްގެ ހުވަފަތް އަނބިކަނބަލުންނާއި އޭނާގެ 18 އަހަރު ފުރިފައިވާ ދަރިފުޅު ކޮމެޓީއަށް ހާޒިރުކޮށް ސުވާލު ކުރުމަށެވެ. އިއްޔެ ބޭއްވި ބައްދަލުވުމަށް ޕޮލިސް ކޮމިޝަނަރު ހާޒިރުކޮށް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ގާސިމްގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް އޭނާގެ އާއިލާއާ ފުލުހުން ހިއްސާކޮށްފައި ނުވާ ކަމަށެވެ.
ނަމަވެސް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ގާސިމްގެ މަރާ ގުޅިގެން އޭނާގެ 19 އަހަރުގެ ދަރިފުޅުގެ ބަޔާނެއް ފުލުހުން ނަގާފައިވާ ކަމަށެވެ. ކޮމެޓީއަށް މައްސަލަ ހުށަހެޅުއްވި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ ގާސިމްގެ ދަރިފުޅުގެ ގާތުގައި ފުލުހުން ހަމައެކަނި އަހާފައި ވަނީ ގާތިލުން މަރަށް ބޭނުންވޭތޯ އާއި އޭނާގެ ބައްޕަ ދުއްވި ސައިކަލަށް ލިބުނު ގެއްލުމުގެ ތަފްސީލަކީ ކޮބައިތޯ ކަމަށެވެ.
ކޮމިޝަނަރު ރިޔާޒް ވިދާޅުވީ ގާސިމް މަރުވީ ފުލުހުންގެ އިހްމާލުން ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ނަމަވެސް އެ މަރާ ގުޅިގެން، ގާސިމްގެ ގާތިލުންނަކީ ފުލުހުންތޯ ނުވަތަ ސައިކަލް ދުއްވަންތިބި މީހުންތޯ ކަނޑައަޅަނީ ޕްރޮސެކިއުޓާ ޖެނަރަލް ކަމަށެވެ. އަދި އެއަށްފަހު ގާސިމްގެ މަރާލުގެ ދައުވާ އެ މީހެއްގެ މައްޗަށް ކޯޓްގައި އުފުލާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި، މިހާރުގެ ޕޮލިސް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް އަކީ ފުލުހުންގެ ޤާނޫނުގެ 52 ވަނަ މާއްދާއާ ހިލާފަށް އެ މަޤާމަށް އައްޔަނު ކުރައްވާފައިވާ ބޭފުޅެއް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބެލުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވުމުން، ކޮމިޓީން އެ މައްސަލަ ބަލައިގަތުމަށް މެންބަރުންގެ އަގުލަބިއްޔަތުން ފާސްވި އެވެ.