ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު މާބަނޑު އަންހެނެއްގެ ގައިގައި ޖެއްސެވި ކަމަށް ބުނެ، ރާއްޖެ ޓީވީން ހަބަރު ފަތުރާފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާއާ ހިލާފަށް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
~
އޮގަސްޓް 18، 2012 ވަނަ ދުވަހުގެ ރޭ މަހުލޫފު އާއި ސައިކަލެއްގައި ދިޔަ ބަޔަކާ ދެމެދު ބަދަލު ކުރި ބަހުގެ ހަމަލާތަކެއްގައި މީހަކާ ދިމާލަށް މަހުލޫފު އަތް ހޫރުވާލި ވީޑިއޯ އާންމު ކުރުމަށް ފަހު، މާބަނޑު އަންހެނެއްގެ ގައިގައި މަހުލޫފު ޖެއްސެވި ކަމަށް ބުނެ، ރާއްޖެ ޓީވީން ފެތުރި ހަބަރާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ހަބަރުގެ "ތެދުދޮގު" ބަލާފަ އެވެ.

އެ ކޮމިޝަނަށް މަހުލޫފު ހުށަހެޅުއްވި މައްސަލަ ނިންމުމަށްފަހު، އޭނާއަށް ފޮނުވި ސިޓީގައި ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައި ވަނީ ރާއްޖެ ޓީވީން އެ ހަބަރު ފަތުރާފައި ވަނީ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 37 ވަނަ މާއްދާގެ (ހ) އާ ހިލާފުވެފައިވާ ކަމަށެވެ. އެ މާއްދާގެ (ހ)ގައި ވަނީ ބްރޯޑްކާސްޓަރުންނާއި ނޫސްވެރިން އަމަލު ކުރަންޖެހޭ ކޯޑް އޮފް ޕްރެކްޓިސްގެ ވާހަކަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މަހުލޫފަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަންތައްތައް ސަންއާ ހިއްސާ ކުރަމުން މަހުލޫފު ވިދާޅުވީ ބްރޯޑްކާސްޓު ކުރުމުގެ ގާނޫނާ ހިލާފަށް އެފަދަ ހަބަރުތައް ފެތުރުން ތަކުރާރު ނުކުރުމަށް ރާއްޖެ ޓީވީ އަށް އަންގާފައިވާނެ ކަމަށެވެ.

ނަމަވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެ ނިންމުމާ މެދު ހިންހަމަޖެހިވަޑައި ނުގަންނަވާ ކަމަށް އިޝާރާތްކޮށް މަހުލޫފު ވިދާޅުވީ މާބަނޑު އަންހެނެއްގެ ގައިގައި އޭނާ ޖެއްސެވި ކަމަށް ބުނެ ފެތުރި ހަބަރާ ގުޅިގެން އޭނާގެ އަބުރަށް އުނިކަން ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ހަބަރަކާ ގުޅިގެން އެތައް ބައެއްގެ ރުޅި އޭނާއަށް އަމާޒުވެފައި ވާތީ ރާއްޖެ ޓީވީ އިން މާފަން އެދެންޖެހޭނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑު މި ނިންމުމާމެދު ހިންހަމަނުޖެހޭ ވާހަކަ ދަންނަވާލަން. ރާއްޖެ ޓީވީގެ ހަބަރާ ގުޅިގެން އަޅުގަނޑުގެ އަބުރަށް އުނިކަން ލިބި، އެތައް ބައެއްގެ ރުޅި އަޅުގަނޑަށް އަމާޒުވެފައިވާއިރު، ރާއްޖެ ޓީވީއިން އަޅުގަނޑުގެ ކިބައިން މާފަން އެދެންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން،" މީޑިއާތަކަށް މަހުލޫފު ފޮނުއްވެވި މެސެޖެއްގައިވެ އެވެ.

މަހުލޫފާ ބެހޭ ގޮތުން ރާއްޖެ ޓީވީން ހަބަރު ފެތުރީ ބްރޯޑްކާސްޓިން ގާނޫނާ ހިލާފަށް ކަމަށް ކޮމިޝަނުން ކަނޑައެޅިއިރު، ސައިކަލަކުން ފުލުހުން ޕެޓްރޯލް ވަގަށް ނެގި ކަމަށް ބުނެ "ރާއްޖެ ޓީވީ" އިން ފެތުރި ދޮގު ހަބަރާ ގުޅިގެން އެ ސްޓޭޝަނުން މައާފަށް އެދުމަށް އެ ކޮމިޝަނުން ވަނީ އަންގާފަ އެވެ. އަދި އެ އެންގުމާ އެއްގޮތައް ރާއްޖެ ޓީވީން ވަނީ ފުލުހުންގެ ކިބައިން މައާފަށް ވެސް އެދިފަ އެވެ.

އެމްޑީޕީ އިން ސީދާ ކުއްލި ހަރަކާތުގެ ނަމުގައި ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތްތައް ބްރޯޑްކާސްޓް ކުރުމުގައި މުޖުތަމައުގެ އަދަބު އަހުލާގާ ނުގުޅޭ ކޮންޓެންޓް ރާއްޖެ ޓީވީން ގެނެސްދެމުންދާ ކަމަށް ބުނެ އެފަދަ ކޮންޓެންޓްތައް ބްރޯޑްކާސްޓް ނުކުރުމަށް އެ ޓީވީ ސްޓޭޝަނަށް ބްރޯޑްކާސްޓިން ކޮމިޝަނުން ނަސޭހަތްތެރިވެފަ އެވެ.