ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަންތައްތައް ބެލުމަށް މަޖިލީހަށް ހުށަހެޅި ގަރާރަކުން އުފައްދާފައިވާ ވަގުތީ ކޮމެޓީއަށް ރައީސް ނަޝީދު ހާޒިރު ކުރުމަށް އެ ކޮމެޓީގެ ކުއްލި ބައްދަލުވުމެއްގައި ފާސްކޮށްފި އެވެ.

ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކޮމެޓީން ނިންމުމުގައި ބުނެފައި ވަނީ އެ ނިންމުމާ ގުޅިގެން ކޮމެޓީގެ މެންބަރުންގެ ސަލާމަތަށްޓަކައި ރައީސް ނަޝީދު ހާޒިރު ކުރާ ކޮމެޓީގެ ބައްދަލުވުން ބާއްވާނީ އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގައި ސިންގަޕޫރުގައި ކަމަށެވެ.

"ރައީސް ނަޝީދާ ދެކޮޅަށް މަޖިލިސް މެދުވެރިކޮށް ފިޔަވަޅު އަޅާނެ" ކަމަށް ބުނެ، ކާށިދޫ ދާއިރާގެ ކެންޕެއިންގައި ވެވަޑައިގެންފައިވާ ވައުދަކާ ގުޅިގެން ޖުމްހޫރީ ޕާޓީގައި އަބްދުﷲ ޖާބިރު ހުންނެވިއިރު، މަޖިލީހަށް ހުށަހެޅުއްވި ގަރާރުގެ ދަށުން އުފައްދާފައި ވަނީ ހަތް މެންބަރުންގެ ވަގުތީ ކޮމެޓީ އެވެ. އެ ކޮމެޓީގެ މުގައްރިރުކަން ވެސް ޖާބިރު ވަނީ ކޮށްފަ އެވެ. ނަމަވެސް ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ކޮމެޓީގެ މުގައްރިރުކަން ގެއްލުމުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ އެ ކޮމެޓީގެ މުގައްރިރަކަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އައްޔަކޮށްފަ އެވެ.

ރައީސް ނަޝީދު އެ ކޮމެޓީއަށް ހާޒިރު ކުރަން ނިންމީ ކޮމެޓީގެ ކުއްލި ބައްދަލުވުމަށް މިރޭ ހާޒިރުވި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ އަގުލަބިއްޔަތުންނެވެ. ނަޝީދު ހާޒިރު ކުރުމަށް ދެކޮޅު ހެއްދެވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެކަންޏެވެ.

ނަމަވެސް ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދާއި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ރާމިޒުގެ އިތުރުން ފަރެސް މާތޮޑާ ދާއިރާގެ މެންބަރު އިބުރާހިމް މުއްތޮލިބު ވޯޓް ދެއްވީ ރައީސް ނަޝީދު ކޮމެޓީއަށް ހާޒިރު ކުރުމަށެވެ.

ކޮމެޓީން މިރޭ ނިންމާފައިވާ ދެ ވަނަ ކަމަކީ ރައީސް ނަޝީދު އުފެއްދެވި “ޖުޑީޝަލް ރިފޯމް ކޮމިޝަން” ގައި ހިމެނިވަޑައިގެންނެވި ހަތަރު ބޭފުޅުން ކަމުގައިވާ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ހައި ކޯޓްގެ ފަނޑިޔާރު އަހުމަދު ޝަރީފާއި އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މުގައްރިރު އަހުމަދު އަބްދުﷲ އަފީފުގެ އިތުރުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ބާއްވާ އެ ކޮމިޓީ ބައްދަލުވުމަށް ހާޒިރު ކުރުމަށެވެ.

ގާނޫނު އަސާސީއާ ހިލާފަށް ރައީސް ނަޝީދު ވެރިކަމުގައި ކޮށްފައިވާ ކަންތައްތައް ބަޔާންކޮށް ޖާބިރު ހުށަހެޅުއްވި ގަރާރުގައިވާ ބައެއް މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯދުމަށް ވެސް މިރޭގެ ބައްދަލުވުމުގައި ނިންމި އެވެ. އަދި އެ މައުލުމާތު ހޯދުމަށް ރައީސް އޮފީހަށް ސިޓީއެއް ފޮނުވުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ.

ސަރުކާރަށް ތާއިދުކުރާ ޕާޓީތަކުގެ ތާއީދާއެކު ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވުމަށްފަހު، މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރެއްވި ދުވަހު ރައީސް ނަޝީދާ ދެކޮޅަށް ޖާބިރު ގަރާރު ހުށަހެޅި އެވެ. އެ ގަރާރުގައި ބުނެފައިވާ ގޮތުން ރައީސް ނަޝީދު ކުރެއްވެވި ގާނޫނާ ހިލާފު ކަންތައްތަކަކީ އަދުލްއިންސާފު ގާއިމްކުރުމުގެ ބާރަށް ބިރުދައްކައި ނުފޫޒު ފޯރުވުމައި ސުޕްރީމް ކޯޓް ބަންދުކޮށް ތަޅުއެޅުވުމާއި ކޯޓްތަކުން ކޮށްފައިވާ އަމުރުތަކާއި ހިލާފަށް އަމަލުކުރުމަށް ޣައިރު ގާނޫނީ އަމުރުކުރުމާއި ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ގާނޫނާއި ހިލާފަށް ފަނޑިޔާރުންނާ މެދު އަމަލުކުރުމަށް ޣައިރު ގަނޫނީ އަމުރުކުކޮށްފައިވާ ކަމަށެވެ. އަދި ރައީސްކަމުގެ މަގާމާއި ސިފައިންގެ އެންމެމަތީ ވެރިޔާކަމުގެ މަގާމުގައި ނަޝީދު ހުންނަވައި ގާނޫނާ ހިލާފަށް މަޖިލިހުގެ ބައެއް މެންބަރުން ހައްޔަރުކުރުމާއި ގާނޫނީ ރައްކާތެރިކަމުން ނަގާލަން އަމުރުކުރުމާއި ދައުލަތުގެ ފައިސާ ގާނޫނާއި ހިލާފަށް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ރައްޔިތުންގެ މެދުގައި އޮންނަން ޖެހޭ ހަމަ ހަމަ ކަމާއި ހަމަޖެހުން ނައްތާލައި ވަކިބަޔަކަށް އަދި ސިޔާސީ ވަކި ފިކުރަކަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދީ އެފަރާތްތަކަށް ފައިދާ ހުރި ގޮތަށް ކަންކަންކޮށް ރައްޔިތުންގެ މެދުގައި ފިތުނަވެރިކަމާއި ނަފުރަތު އުފެދުމަށް މަސައްކަތްކުރި ކަމަށް ވަނީ ގަރާރުގައި ބުނެފަ އެވެ.

ސިންގަޕޫރުގައި ބާއްވާ ކޮމެޓީއަކަށް ރައީސް ނަޝީދު ހާޒިރު ކުރުމަށް ސަރުކާރަށް ތާއިދު ކުރާ ޕާޓީތަކުގެ މެޖޯރިޓީ އޮންނަ ކޮމެޓީން މިރޭ ނިންމާފައި ވާއިރު، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރު މަސްއޫލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނީ ނ. މާފަރުގައި އެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށެވެ.