މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރeކްރިއޭޝަންގެ އޮފިޝަލް ސްޕޮންސާ އެއްގެ ގޮތުގައި ޝީޝާ ހަމަޖައްސައިފި އެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖަޕާނުގެ މަޝްހޫރު "ހޮންޑާ" ކުންފުނީގެ އެކިއެކި އުފެއްދުންތައް ރާއްޖެއަށް އެތެރެ ކޮށްވިއްކަމުންގެންދާ ޝީޝާއިން މާޒިޔާއާއެކު އެއް އަހަރުދުވަހަށް އެ ޓީމު ސްޕޮންސާ ކުރުމުގެ އެއްބަސް ވުމުގައި ސޮއިކުރުން އޮތީ މިރޭ ޝީޝާގެ ޝޯރޫމްގަ އެވެ.

އެއްބަސްވުމުގައި ޝީޝާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހީން ހުޝާމް އެވެ. އަދި މާޒިޔާގެ ފަރާތުން ސޮއި ކުރެއްވީ އެޓީމުގެ ވައިސް ޗެއާމަން، ސްޕޯޓްސް އިބުރާހީމް ވަހީދު އެވެ.

ސޮއިކުރުމުގެ ހަފުލާގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޝީޝާގެ ސީއީއޯ އިބްރާހީމް ހުޝާމް ވިދާޅުވީ މީގެ ކުރިން ކުޅިވަރުގެ މިފަދަ ކަމެއްގައި ނުފެނުނު ނަމަވެސް މިފަހަރު މާޒިޔާއާ އެކުގައި ޝީޝާއިން ސްޕޮންސާޝިޕް އެއްބައްވުމެއްގައި ސޮއިކުރީ ކުރިއަށް އޮތް ދުވަސްތަކުގައި އެކުންފުނީގެ ފަރާތުން ކުޅިވަރު ތަރައްގީ ކުރުމާއި ކުޅިވަރަށް އެހީތެރިވެ ދެއްވުމުގެ ގޮތުންކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި ކުޅިވަރަށް ތަރުހީބު ދިނުމުގެ ގޮތުންނާއި ކުޅިވަރު ކުރިއެރުން ހޯދައިދިނުމުގެ މަގުސަދުގައި މިގޮތަށް ފުރަތަމަ ފަހަރަށް މިބައިވެރިވީ،" ހުޝާމް ވިދާޅުވިއެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ އެބޭފުޅުން ވިސްނާފައި އޮތީ ރާއްޖޭގައި މާޒިޔާ ކުޅޭ މެޗުތަކުގައި "ހޮންޑާ" ބޭނުން ކުރިނަމަވެސް މިއަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެއިން ބޭރުގައި އެޓީމު ކުޅޭ މެޗުތަކުގައި ބޮޑަށް އިޝްތިހާރު ކުރާނީ އެކުންފުނީގެ ނަން "ޝީޝާ" ކަމަށެވެ.

"އިޝްތިހާރު ކުރުމުގައި އަޅުގަނޑުމެން ދެގޮތެއް އެބަ ގެންގުޅެން. ރާއްޖޭގައި އަޅުގަނޑުމެން ހޮންޑާ ބޮޑަށް މި އިޝްތިހާރު ކުރަނީ. އެކަމަކު އިންޓަނޭޝަނަލް މެޗުތަކުގައި ހޮންޑާއަށް ވުރެބޮޑަށް ޝީޝާގެ ނަން އަޅުގަނޑުމެން ބޭނުން ކުރާނީ،" ޝީޝާގެ ސީއީއޯ ވިދާޅުވި އެވެ.

ހުޝާމް އިތުރަށް ވިދާޅުވީ އެކުންފުނިން މާޒިޔާގެ ކިޓް ސްޕޮންސާ ކުރީ ވިޔަފާރީގެ މާބޮޑު ފައިދާއެއް ހޯދުމުގެ ބޭނުމުގައި ނޫން ކަމަށާއި އެއީ ކުޅިވަރަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކުރިމަގުގައިވެސް އެބޭފުޅުން ކުޅިވަރުގެ އެކިކަންތައްތަކަށް އެފަދަ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅު ވާތީ ކަމަށެވެ.

ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ތެރޭގައި "އެލް މޯބައިލް" އިން އެޓީމުގެ ކިޓް ސްޕޮންސާ ކުރި މާޒިޔާގެ ފަރާތުން ވާހަކަފުޅު ދެއްކެވި ކުލަބުގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަހު މާޒިޔާއިން އާ ސްޕޮންސާ އެއް ހޯދީ ދިވެހިރާއްޖޭގެ ފުޓްބޯޅައަށާއި އަދި ކުލަބަށްވެސް އެންމެ ރަނގަޅު ގޮތްކަމަށް ވާތީ ކަމަށެވެ.

"އަޅުގަނޑުމެން މި ސްޕޮންސާޝިޕުގައި ޝީޝާއާ އެކު ސޮއިކުރީ ކުލަބަށާއި އަދި ދިވެހި ފުޓްބޯޅައަށް ރަނގަޅަކަށޭ އަޅުގަނޑު ދަންނަވާނީ. އެއީ މާޒިޔާއަކީ މިފަހަރު އެންމެ ރަނގަޅު އިންވެސްޓެއް ކޮށްގެން މިކަމުގެ ތެރެއަށް ނުކުތް ކުލަބު ކަމަށްވެފައި އަޅުގަނޑުމެންނަށް މިފަހަރު އެންމެ ރަނގަޅު ސަޕޯޓެއް ދޭގޮތަށް އެއްބަސްވި ފަރާތަކީ ޝީޝާ ކަމަށް ވުމުން އަޅުގަނޑުމެއް މި ސޮއިކުރީ،" ވައްހާބު ވިދާޅުވި އެވެ.

ވައްހާބު އިތުރަށް ވިދާ މި އެއްބަސްވުމުގެ ސަބަބުން ދެފަރާތަށްވެސް ފައިދާކުރަނިވި ކަންތައްތަކެއް އެބަ ހުރި ކަމަށާއި އަދި އެއްބަސްވުމާއި އެއްގޮތަށް މާޒިޔާއިން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ.

މާޒިޔާއާއި ޝީޝާގެ ފަރާތުން ސްޕޮންސާޝިޕް އެއްބަސްވުގައި ސޮކުރުމަށްފަހު އެޓީމު މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ބޭނުންކުރާނޭ ތަފާތު ޖާޒީތައް ދައްކާލުން އޮތެވެ. ޖާޒީތައް ދައްކާލުމުގައި އެޓީމާއި މިފަހަރު އަލަށް ގުޅުނު ބައެއް ކުޅުންތެރިން ބައިވެރި ވިއެވެ.