ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ގްރޫޕް އޭ ގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) ބައްދަލުކުރި މެޗް 1-1 ލަނޑުން ދެ ޓީމް އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ އޭވައިއެލް އެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އޭވައިއެލްއަށް ލީޑް ނަގައިދިނީ އަހުމަދު ހަލީމެވެ.

ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު، ދެ ވަނަ ހާފުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ އިބުރާހިމެވެ.

ޖުމުލަ 12 ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ.

މިމުބާރާތުގައި މާދަމާ ހަވީރު 4:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ގްރޫޕް ސީ ގައި ވާދަކުރާ ވީބީ އައްޑޫ އެފްސީއާއި ބ. އޭދަފުށީ ޒުވާނުންގެ ފުޓްބޯޅަ ޓީމެވެ.

މުބާރާތް ކުރިއަށް ގެންދާނީ ގްރޫޕް ސްޓޭޖުގައި ޓީމުތައް ވާދަކޮށް ނިމޭއިރު ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމާއި، އަދި ތިން ގުރޫޕް އެއްކޮށް ތިންވަނައަށް އެންމެ ގިނައިން ޕޮއިންޓު ހޯދާ ދެ ޓީމާ އެކު ޖުމުލަ އަށްޓީމު ކުއާޓާ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.