10 Jan 2013, 18:17
ކްލިންޓަން ފައުންޑޭޝަންގެ ފަރާތުން ހިންގާ "ކްލިންޓަން ކްލައިމޭޓް އިނިޝިއޭޓިވް ކްލީން އެނާޖީ" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޑީސަލް ރިޕްލޭސްމެންޓް ޕްރޮޖެކްޓްގައި ރާއްޖެ ބައިވެރިވާ އެމްއޯޔޫ އެއްގައި އެ ފައުންޑޭޝަނާއި އެކު ސޮއިކޮށްފި އެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު، ޑރ. މަރިޔަމް ޝަކީލާ އެވެ. ކްލިންޓަން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗެއާމަން އިރާސީ މެގަޒިނާ އެވެ. އެމްއޯޔޫގެ މައިގަނޑު މަދުސަދަކީ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދު ކުރުމާ އެކު ތެޔޮ ބޭނުންކޮށްގެން އުފައްދާ ހަކަތަ މަދު ކުރުމެވެ.
އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު ޝަކީލާ ވިދާޅުވީ މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް ރާއްޖެ ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިވުމާއި އެކު ބޭނުންވާ މަންޒިލަށް ވާސިލް ވުމުގެ މަގު ފަހިކޮށްދޭނެ ކަމަށެވެ. އަދި ރާއްޖެ އަށް އިންވެސްޓަރުން ހޯދައިދިނުމާއި، އެފަރާތްތަކާއި އެކު ކުރެވޭ އެކިއެކި އެގްރިމެންޓް ތަކަށްވެސް ފައުނޑޭޝަންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން ކާބަން ނިއުޓްރަލިޓީ އާ ދިމާލަށް މިސްރާބް ޖެހުމަށް ދެއްވަންވާ އެޑްވައިސް ތަކާއި، އަޅުގަނޑުމެން އެ މިސްރާބަށް ދަތުރުކުރާނެ މަގު ފަހިކޮށްދެއްވާނެ،"ޝަކީލާ ވިދާޅުވި އެވެ.
ކްލިންޓަން ފައުނޑޭޝަން އާއި ރާއްޖެ އާ ދެމެދު މިއަދު ސޮއިކުރި އެމްއޯޔޫގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ތެލުން އުފައްދާ ހަކަތަ އަށް ބަރޯސާވާ މިންވަރު މަދުކުރުމާއި، ތެޔޮ އެތެރެ ކުރެވޭ މިންވަރު މަދުކުރުމަށް ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދޭނެ ޕްރޮޖެކްޓްތައް ތައާރަފްކުރުން ހިމެނެ އެވެ. އަދި ސާފު ބޯފެން އުފެއްދޭނެ ނިޒާމްތައް ތައާރަފް ކުރުމާއި، އިރުގެ ހަކަތައާ ކުނިބުނި ބޭނުންކޮށްގެން ކަރަންޓް އުފެއްދޭނެ ފަދަ ނިޒާމްތައް ތައާރަފް ކުރުންވެސް ހިމެނެ އެވެ.