30 Sep 2010, 12:56
ޑީއާރުޕީގެ އިދާރީ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ މަހެއް ވެގެން ބައެއް މުވައްޒަފުން ޝަކުވާކުރަން ފަށައިފި އެވެ.
ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބުދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ އެޕާޓީގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ ނުދެވުނީ ކޯޓުން ނިންމާފައި ހުރި ބައެއް މައްސަލަތަކަށް ފައިސާ ދައްކަން ޖެހުމުން ކަމަށެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ފައިސާ ކުއްލިއަކަށް އެއްފަހަރާ ދައްކަން ޖެހުމުން ބައެއް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ދަތިތަކެއް ކުރިމަތިވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިދިޔަ މަހުގެ މުސާރަ އާއި މި މަހުގެ މުސާރަ އެއްކޮށް އެ މުވައްޒަފުންނަށް ލިބޭނެ ކަމަށާއި މިދިޔަ މަހުގެ މުސާރަ ނުދެވި ވާނީ އެޕާޓީގެ ސެކްރެޓަރީ ފެންވަރުގެ މުވައްޒަފުންނަށް ކަމަށެވެ. ޑީއާރުޕީގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބުމުގެ މައްސަލަތަކެއް މިއަހަރުގެ ކުރީކޮޅުވެސް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން އެފަހަރު ވެސް ޕާޓީގެ ތެރޭގައި މާލީ ދަތިކަމެއް ހުރެގެން ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ފަސް މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ޕާޓީ އޮފީހުގެ ފޯން ލައިނާއި ފެކްސް ލައިންގެ އިތުރުން އިންޓަނެޓްގެ ހިދުމަތް ވެސް އެފަހަރު ވަނީ ކަނޑައިލާފައެވެ.