ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމް ކޮށްގެން މިމަހު 17 އިން 22 އަށް ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ ދެ ވަނަ ސާބާ ޗެމްޕިއަންޝިޕް 2013ގައި ރާއްޖެ އިން ބައިވެރި ކުރާ ބާސްކެޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑް އިއުލާނު ކޮށްފި އެވެ.

މޯލްޑިވްސް ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) އިން ރޭ ޒުވާނުންގެ މަރުކަޒުގައި ކުޅުންތެރިންގެ ނަންތައް އިއުލާނު ކުރުމަށާއި ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓީމުގެ ފައިނަލު ސްކޮޑްގައި ހިމެނޭ 12 ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށް ދެއްވީ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ މެއިން ސްޕޮންސާ ކަމަށް މިއަހަރު ހަމަ ޖައްސާފައިވާ ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" ބައެއް އިސް ވެރިންނެވެ.

ދެ ވަނަ ސާބާ ޗެމްޕިއަންޝިޕް 2013ގައި ބައިވެރިވުމަށް މިމަހު 15ގައި ޑާކާއަށް ފުރާ ގައުމީ ބާސްކެޓްބޯޅަ ޓީމުން ޖާގަ ލިބުނު 12 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޓީރެކްސްގެ ފަސް ކުޅުންތެރިއަކާއި ރެޑްލައިން ކްލަބުގެ ހަތަރު ކުޅުންތެރިއަކާއި ހަރިކޭން ބީސީގެ ދެ ކުޅުންތެރިއަކާއި ފޮލިސް ކުލަބުގެ ކުޅުންތެރި އެކެވެ.

ޓީ-ރެކްސް: މުހައްމަދު މުހުސިން އާއި ޒަކަރިއްޔާ އަބްދުއްލަތީފު އާއި ހުސައިން ހަލީމްއާއި އަހްމަދު ޒަބީރު އަދި އިލްޔާސް އިބްރާހީމް.

ރެޑްލައިން ކުލަބު: މުހައްމަދު ޒިލާލް އާއި އަލީ ފަޒްލީ އާއި އަހްމަދު އަފްޝަން ރަޝީދު އާއި އަދި އިސްމައިލް ވިލްދާން ޔޫސުފު.

ހަރިކޭން ބީސީ: އަހްމަދު އިފްސާހު އާއި މުހައްމަދު ޚުވައިލިދު.

ޕޮލިސް ކުލަބް: މުހައްމަދި ނާއިފް ރުޝްދީ.

ހަފްތާއެއްގެ ޕްރެކްޓިސް އަށްފަހު ފައިނަލް ސްކޮޑް އިއުލާނު ކުރުމަށް ޑިސެންބަރު އިއުލާނުކުރި 17 ކުޅުންތެރިންގެ ތެރެއިން ޓީމުން ބާކީވި ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރެޑްލައިން ކުލަބުގެ އަހްމަދު ނަޖީލު އާއި ހަރިކޭން ބީސީގެ އަހްމަދު އަލީ މުސްތަފާ އަދި އިބްރާހީމް އަންފާލް ގެއިތުރުން އެމްއެންޑީއެފްގެ މުހައްމަދު މަހުދީ އާއި ޔޫސުފް ނިޝާރު އެވެ.

ރޭގެ އެ ރަސްމިއްޔާތުގައި އެމްބީއޭގެ ރައީސް އަހްމަދު ހާފިޒުވަނީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ވާހަކަފުޅު ދައްކަވައިފަ އެވެ. އަދި މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދައި ރާއްޖެއަށް ރީތިވަނައެއް ހޯދައި ދިނުމަށް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންވެސް މަސައްކަތް ކޮށްދެއްވުމަށް ހާފިޒު އެދިވަޑައިގަތެވެ.