އިތުބާރު ނެތްކަމުގެ ވޯޓެއްނަގައި ދާންދޫ ކައުންސިލްގެ ރައީސްގެ މަގާމުން އިމްރާން ވަހީދު ވަކިކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރުމާ ގުޅިގެން ކައުންސިލްގެ ރައީސް ކަމަށް ކައުންސިލް މެންބަރު ޝުއައިބު އަބްދުﷲ މިއަދު އިންތިޚާބުކޮށްފި އެވެ.

ދާންދޫ ކައުންސިލްގެ ޑީއާރްޕީ މެންބަރު އާސިފް މުހައްމަދު ވިދާޅުވީ ކައުންސިލް މެންބަރު ޝުއައިބު ރައީސް ކަމުގެ މަގާމަށް ހަމަޖައްސާފައި ވަނީ މިއަދު ބޭއްވި އެކައުންސިލްގެ 72 ވަނަ އާންމު ބައްދަލުވުމުގައި ކަމަށެވެ. އަދި އޭނާ ރައީސް ކަމަށް ހޮއްވުނީ އެކައުންސިލްގެ ފަސް މެންބަރުންގެ ތެރެއިން ތިން މެންބަރުންގެ އަޢުލަބިއްޔަތުން ކަމަށް އާސިފް ވިދާޅުވި އެވެ. އޭނާއަށް ތާއީދު ކުރައްވައި ކުރީގެ ރައީސް އިމްރާން ވޯޓު ދެއްވާފައެއްް ނުވެއެވެ.

ކައުންސިލްގެ ރައީސްކަމުން ދުރުކޮށްފައިވާ އިމްރާނާއި މިއަދު ރައީސް ކަމަށް ހޮއްވާފައިވާ ޝުއައިބަކީ ވެސް އެމްޑީޕީގެ ދެ މެންބަރުންނެވެ. އަދި ނައިބް ރައީސްގެ މަގާމުގައި ޝުއައިބު ހުންނަވަނިކޮށް މީގެ ކުރިން އިމްރާން އިސްވެހުންނަވައިގެން އޭނާ މަގާމުން ދުރުކޮށްފައިވެ އެވެ. އަދި އިމްރާން ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ޝުއައިބު ވެސް ހިމެނެވެ.

ޝުއައިބް ވިދާޅުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ އެމްޑީޕީގެ މެންބަރަކު ރައީސް ކަމުގެ މަގާމުން ދުރުކަރަން ވޯޓު ދެއްވީ ރައްޔިތުންނަށްޓަކައި ކަމަށާއި ރައީސްގެ މަގާމުން މީހަކު ދުރުކުރަންޖެހޭނީ އެމީހެއްގެ އަމަލުތައް ރަނގަޅު ނުވުމުން ކަމަށެވެ.

އިމްރާން ވިދާޅުވީ އޭނާގެ މައްޗަށް ކުރާތުހުމަތުތައް ޝަރީއަތަށް ސާބިތު ކުރެވޭ ވަރުގެ ހެކި ނެތް އިރު އޭނާ މަގާމުން ދުރުކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށެވެ.