10 Jan 2013, 17:33
ނ. މާފަރު ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދީފައި ނުވާތީ، އެރަށުގެ ރައްޔިތުން ފަށާފައިވާ އިހުތިޖާޖާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުމެއް އެ ރަށުގައި ބޭއްވުމަށް މިއަދު ފާސްކޮށްފި އެވެ.
ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާ މެންބަރު އަލީ ވަހީދު މިއަދު ވިދާޅުވީ މާފަރު ރައްޔިތުން ކުރަމުންދާ އިހްތިޖާޖާ ގުޅިގެން، ކޮމެޓީގެ ބައްދަލުވުމެއް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ކޮމެޓީގެ ބައްދަލުވުމުގައި އެ ރަށުގެ ރައްޔިތުންގެ ޝުއޫރު އަޑުއަހާނެ ކަމަށާއި އެއަށްފަހު ކޮމެޓީން ކުރާނެ ކަންތައްތަކެއް ފާސްކުރާނެ ކަމަށެވެ.
މާފަރުގައި ބާއްވާ ކޮމެޓީގެ ބައްދަލުވުމަށް މަޖިލީހުގެ މެންބަރުނާއި މަޖިލީހުގެ އިދާރީ މުވައްޒަފުންނާއި އެ ބައްދަލުވުން ބާއްވާނެ ތަނެއް ހަމަޖެއްސުމުގެ ހުރިހާ ހަރަދެއް ކުރަން ހަމަޖެހިފައި ވަނީ މަޖިލީހުގެ އިދާރާގެ ފަރާތުންނެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީން މާފަރުގައި ބައްދަލުވުމެއް ބާއްވަން ނިންމާފައިވާއިރު، މާފަރު ރައްޔިތުން އެ ރަށުގައި މުޒާހަރާ ކުރަމުންދާތާ މިއަދަށް 11 ދުވަސްވާނެ އެވެ. އެ ރަށުގެ ރައްޔިތުން މުޒާހަރާ ކުރަމުންދަނީ މާފަރު އެއާޕޯޓް އެޅުން ލަސްވުމާއި ރަށުގެ ސިއްހީ ހިދުމަތާއި ތައުލީމީ ފެންވަރާއި ދަށްވުމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން އެ ރަށުގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދޭ ކަމަށް ރައްޔިތުން ތުހުމަތު ކުރެ އެވެ.
މަޖިލީހުގެ ކޮމެޓިގެ ބައްދަލުވުމެއް މާފަރުގައި ބާއްވަން ނިންމާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއް މޫދު އަޑީގައި އާއި ގދ. ތިނަދޫގަ އާއި ހދ. ކުޅުދުއްފުށީގައި ވެސް ބާއްވާފައިވެ އެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ މަގުމަތީގައި އެ ކައުންސިލްގެ ބައްދަލުވުމެއް ބާއްވައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަމިއްލަ ގެކޮޅު މއ. ކިނބިގަސްދޮށުގެ ދައުލަތައް ނެގުމަށް ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ވަނީ 24 ގަޑިއިރުފަހުން ބާތިލްކޮށްފަ އެވެ.