10 Jan 2013, 17:29
ކޮރަޕްޝަނާ ހިޔާނާތުގެ ތުހުމަތު ކުރެވުނު ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި އެކްސްޓާނަލް އޮޑިޓަރުން ހެދި އޮޑިޓުންނާއި ރިވިއުއިންވެސް އެ ކުންފުނިން ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލެއް ކޮށްފައިވާކަން އެނގެން ނެތްކަމަށް ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ބުނެފި އެވެ.
އެޗްޑީއެފްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ އެ ކުންފުނީގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަމަށް ބުނެ ވާހަކަދައްކަމުން ދަނީ ކުންފުންޏާ މެދު ހިތްހަމަ ނުޖެހޭ އަދި ކުންފުނީގެ ވަޒީފާއިން ވަކިކޮށްފައިވާ މީހެއް ކަމަށެވެ. އަދި ޒިންމާދާރުކަން ކުޑަގޮތެއްގައި އެ ކުންފުންޏާ ބެހޭގޮތުން މީޑިއާގައި ހަބަރުތައް ޝާއިއު ކުރުމުން ކުންފުނީގެ އިންވެސްޓަރުންގެ ކުރިމަތީގަޔާއި ކަސްޓަމަރުންގެ ކުރިމަތީގައި ކުންފުނީގެ އަގުވެއްޓި ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ކުންފުންޏަށް ލިބެމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.
"މިކުންފުންޏަކީ މާލީ އިދާރާއަކަށް ވީހިނދު ޒިންމާދާރު ކަން ކުޑަގޮތެއްގައި މިފަދަ ލިޔުންތައް މީޑިއާގައި ޝާއިއުކުރުމުގެ ސަބަބުން ކުންފުނީގެ އިންވެސްޓަރުންގެ ކުރިމަތީގައި ކުންފުނީގެ އަގުވެއްޓި، ފޫނުބެއްދޭ ވަރުގެ ގެއްލުން ވަމުންދާކަމަށް ހިތާމަޔާ އެކު ފާހަގަ ކުރަން،" އެޗްޑީއެފްސީގެ ބަޔާނުގައި އެވެ.
އެ ބަޔާނުގައި ބުނަނީ ދައުލަތުގެ ކަމާ ބެހޭ ފަރާތަކުން ޖިނާއީ ތަހުގީގެއް ނުކުރަނީސް ގާނޫނާއި ޚިލާފު އަމަލުތަކެއް މީހަކު ކުރިކަމަށް މީޑިއާގައި ފާޅުކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ.
އެޗްޑީއެފްސީގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރިކަމަށް ބުނެ އެތާގެ އައިޓީ މެނޭޖަރު ކަމުން ވަކިކުރި އިސްމާއިލް މަސްއޫދު ވަނީ ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަށާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަށް ހުށަހަޅާފަ އެވެ. އޭނާ ވިދާޅުވީ އެތަނުގައި ހުރީ ކިހާވަރެއްގެ ކޮރަޕްޝަންގެ އަމަލުތަކެއްކަން އޭސީސީގެ ތަހުގީގު ނިމި ޕީޖީ އަށް މައްސަލަ ފޮނުވުމުން އެނގިގެންދާނެ ކަމަށެވެ.
އެޗްޑީއެފްސީގެ އައިޓީ މެނޭޖަރުކަމުން އިސްމާއިލް މަސްއޫދު ވަކިކުރުމުން އޭނާ ހުށަހެޅި މައްސަލަ ބެލުމަށް ފަހު ޓްރައިބިއުނަލުން ކުރި އަމުރުގައި ބުނަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ. އަދި އެއްވެސް ހާލެއްގައި އޭނާ އަކީ ވަޒީފާއިން ވަކިކޮށްފައިޥާ މީހެއްކަމަށް ނުބެލެވޭނެ ކަމަށް ވެސް ޓްރައިބިއުނަލްގެ އަމުރުގައި ވެއެވެ.