ސިޔާސީ ޕާޓީތަކުގެ ބިލާއި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ތަސްދީގު ނުކުރައްވާ އެ ބިލްތައް އިސްލާހުކުރެއްވުމަށް އަނބުރާ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ވަނީ ދާދި ދެންމެއަކު އެކަން ކަށަވަރުކޮށްދީފަ އެވެ. އެކަމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެ ބިލްތައް އަނބުރާ މަޖިލީހަށް ފޮނުއްވާ ލެއްވީ އެ ބިލްތަކާ މެދު އެ ޓާނީ ޖެނެރަލްގެ ގާނޫނީ ލަފަޔާ އެކު މަޖިލީހުން އަލުން ވިސްނާ ވަޑައިގަތް އެ ބިލްތައް އިސްލާހުކުރރެއްވުމަށް އެދިވަޑައިގަތް ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހަށް އަނބުރާ ފޮނުވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ބިލުގެ 11 ވަނަ މާއްދާގެ (ހ) ގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށަހަޅާ ފަރާތުން އެ ޕާޓީއެއްގެ މެންބަރަކަށް ވުމަށް އެދިފައިވާ، މަދުވެގެން 10,000 (ދިހަހާސް) މީހުންގެ ސޮއި ހޯދައި، ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ރާއްޖޭގެ ޤާނޫނުއަސާސީގެ 30 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ ސިޔާސީ ޕާޓީ އުފައްދައި، ހިންގައި، ޕާޓީތަކުގެ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާކަމާއި، އެފަދަ ޙައްޤެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތެއްގެމަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ދަށުން، މިނިވަން ދީމިޤްރާޠީ މުޖްތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ ކަމަށް ޤަބޫލުކުރެވޭ މިންވަރަށްކަން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް މިހާތަނަށް ރާއްޖޭގައި ކަންކުރެވިފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ، ސިޔާސީ ޕާޓީގެ ގަވާއިދުގެ 7 ވަނަ މާއްދާގައި ޕާޓީއެއް އުފެއްދޭނީ 3,000 (ތިން ހާސް) މީހުން ހަމަވެގެން ކަމުގައި ބަޔާންކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާއަށް ފާހަގަކުރައްވާފައިވެއެވެ. އެހެން ނަމަވެސް، މި ޢަދަދު ކަނޑައަޅާފައިވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެން ކަމެއް އެ ގަވާއިދުން ސާފެއްނުވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި ބިލުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަދުވެގެން ތިބެންޖެހޭނެ މެންބަރުންގެ ޢަދަދު 10,000 (ދިހަހާސް) އަށް އިތުރުކޮށްފައިވަނީ ކޮން ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްގެންކަމެއްވެސް ބިލުން ސާފުނުވާކަމަށް ވިދާޅުވެފައިވެއެވެ.

ބިލުގެ 35 ވަނަ މާއްދާގެ (ށ) ގައި، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް، އެ ޢަދަދު ހަމަކުރަން މި ޤާނޫނުގެ ދަށުން ދެވޭ 3 މަސްދުވަހުގެ މުއްދަތުގައި، އެ ޢަދަދު ހަމަކުރާ ޕާޓީތަކަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުޞޫލުން ދައުލަތުގެ ބަޖެޓުން ދޭ ފައިސާގެ އެހީ ލިބެންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ސިޔާސީ ޕާޓީގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީވެފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް، އެ ޢަދަދު ހަމަކުރުމަށް 3 މަސްދުވަހުގެ މުއްދަތެއް ދެވޭނެކަމަށް ބަޔާންކޮށްފައިވާ އެއްވެސް މާއްދާއެއް ބިލުގައި ހިމެނިފައިނުވާކަން ފާހަގަކުރައްވާފައިވެއެވެ.

ބިލުގެ 8 ވަނަ މާއްދާގެ (ށ) ގައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، 10,000 (ދިހަ ހާސް) މެންބަރުން ހަމަވާ ޕާޓީތައް މި ޤާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ޕާޓީތަކެއްކަމުގައި ބެލެވޭނެކަމަށް ބުނެފައިވާ ބުނުމަށް ބަލާއިރު، ސިޔާސީ ޕާޓީގެ ގަވާއިދުގެ ދަށުން މިހާރު ރަޖިސްޓަރީކުރެވި ހިނގަމުން އަންނަ ޕާޓީތަކުގެ ތެރެއިން 10,000 (ދިހަހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް ވާނެ ގޮތެއް، އަދި އެ ޕާޓީތަކާބެހޭ ގޮތުން ކަންކުރާނޭ ގޮތެއްގެ އިޖުރާޢީ ނުވަތަ އިންތިޤާލީ އުޞޫލުތަކެއް ބިލުގައި ބަޔާންކޮށްފައި ނެތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން އުފެދި ހިނގަމުން އަންނަ ސިޔާސީ ޕާޓިތައް އުވާލުމާބެހޭ ގޮތުން، ޢަމަލުކުރަމުންދާ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ވުޖޫދުގައިވާ ސިޔާސީ ޕާޓީއެއް އުވާލުމުގެ ފުރުޞަތު ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ފަހިކޮށްދެވިފައިވަނީ ވަރަށް ޚާއްޞަ ޙާލަތެއްގައި ކަމާއި، މި ޙާލަތްތަކުގެ ތެރޭގައި ހިމެނެނީ، ދައުލަތުގެ ދުސްތޫރީ ދެމިއޮތުމާއި، މިނިވަންކަމާއި ގުޅިފައިވާ މައްސަލަތަކާއި، ޤައުމުގެ ދުސްތޫރީ އޮނިގަނޑަށް ނުރައްކާތެރިވުމާއި، ނަސްލީ، އިޖްތިމާޢީ، ނުވަތަ ދީނީ ބައިބައިވުން އުފެއްދުން ފަދަ ސީރިއަސް މައްސަލަތަކުގައިކަން ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް، މި ބިލު ތަޞްދީޤުކުރެވިއްޖެނަމަ، ތަސްދީޤު ކުރެވޭ ހިސާބުން ފެށިގެން އުވިގެންދާ ޕާޓީތައް އުވިގެންދަނީ، އެ ޕާޓީތަކުގެ އެއްވެސް އިހުމާލެއް ނުވަތަ "ރޯންގް ޑުއިންއެއް" އެއް ނެތި، އަދި ޤާނޫނީ އޮނިގަނޑަށް ފެއްތުމަށް އެއްވެސް މަސައްކަތެއް ކުރުމުގެ ފުރުޞަތެއް އެ ޕާޓީތަކަށް ދިނުމެއް ނެތިކަންވެސް ފާހަގަކުރައްވާފައިވެ އެވެ.

ބިލުގެ 36 ވަނަ މާއްދާގެ (ހ) ގައި، 20,000 (ވިހި ހާސް) މެންބަރުން ހަމަވާ ޕާޓީތަކުގެ އިދާރީ އޮފީހާއި އެ ޕާޓީގެ ޙަރަކާތްތައް ހިންގުމަށް މާލޭން 1,000 (އެއްހާސް) އަކަފޫޓުގެ ބިމެއް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު، ރާއްޖޭގައި ބިން އެކަށައެޅޭ ބޭނުންތައް ޤާނޫނު ނަންބަރު 2002/1 (ބިމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެގޮތުން، އެމާއްދާގައި ބިން އެކަށައެޅޭނެ ކެޓަގަރީތަކުގެ ތެރޭގައި ސިޔާސީ ބޭނުމަށް ބިން އެކަށައެޅޭނޭ ގޮތެއް ބަޔާންކޮށްފައިނުވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އިމްތިޔާޒުގެ ބިލްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ބިލަކީ "ޤާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އިމްތިޔާޒުތަކާއި ބާރުތަކުގެ ތެރެއިން ބައެއް އިމްތިޔާޒުތަކާއި ބާރުތައް ބަޔާންކުރުމުގެ ޤާނޫނު" ކަމުގައި އެ ބިލުގެ ތަޢާރުފުގައި ބަޔާންކޮށްފައިވާއިރު، ބިލުގައި ހިމެނޭ ބައެއް ކަންކަމަކީ ޤާނޫނުއަސާސީގައި ކަނޑައަޅައިދީފައިވާ ދާއިރާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ މެންބަރުންނަށް ނުވަތަ އެ މަޖިލީހުގެ މުވައްޒަފުންނަށް ލިބިދޭ އިމްތިޔާޒުތަކެއްގެ ގޮތުގައި ބެލެވިދާނެ ކަންކަމަށްވުރެ، އެ މަޖިލީހުގެ މެންބަރުންގެ ޢިނާޔަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންކަމަށް ކަމަށެވެ.

ބިލުގެ 4 ވަނަ މާއްދާގެ (ށ) ގައި މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ޢަމަލުތައް ބަޔާންކޮށްފައިވާއިރު، އަދި އެ ޢަމަލުތަކަކީ ކުށް ކަމުގައި ކަނޑައަޅާފައިވާއިރު، އެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، ކުށުގެ ޢަމަލު އެންމެ ސާފުކޮށް ކަނޑައަޅާފައިވާ ޢަމަލުތަކެއް ކަމަށް ފެނިވަޑައިނުގަންނަވާތީއާއި، އެ ކުށްކުށުގެ އަދަބުގެ ގޮތުގައި ޖަލަށްލުންވެސް ހިމެނޭއިރު، ކުށުގެ ޢަމަލު ސާފުނުވެއޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމަކަށް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ މެންބަރުންނަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ޙިމާޔަތާއި ރައްކާތެރިކަން ހަމަޖައްސައިދޭންވާނެ ކަމަށް ބިލުގެ 6 ވަނަ މާއްދާގައި ބަޔާންކުރާއިރު، އެފަދައިން ދައުލަތުގެ ސަލާމަތީ ބާރުތަކުން ޙިމާޔަތާއި ރައްކާތެރިކަން މަޖިލީހުގެ މެންބަރުންނަށް ހަމަޖައްސައިދިނުން މި ބިލުން ލާޒިމުކުރުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ށ) ގެ ދާއިރާއަށްވުރެ ފުޅާކޮށް ކަނޑައަޅާފައިވާ އުސޫލެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ބިލުގެ 12 ވަނަ މާއްދާގައި މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިއްޖެނަމަ އެ މެންބަރަކު ބަލައި ފާސްކުރަންވާނީ އިޙްތިރާމާއެކު ކަމާއި، ޢާންމު ތަނެއްގައި އެކަން ކުރާނަމަ ކުރަންވާނީ ޝައްކެއްނެތި ޔަޤީންކުރެވޭ މިންވަރަށް އެ ތުހުމަތުކުރެވޭނަމަ ކަމުގައި ބަޔާންކޮށްފައިވާއިރު، މިއީ މަޖިލީހުގެ މެންބަރުންގެ ސިޔާސީ އެކްސްޕޯޝަރ ނާޖާއިޒުގޮތެއްގައި ބޭނުންކުރުން ހުއްޓުވުމަށް ލިޔެފައިވާ މާއްދާއަކަށްވީ ނަމަވެސް، މިއީ ބައެއް ޙާލަތްތަކުގައި ކަނޑައެޅިފައިވާ ޖިނާއީ އިޖުރާއަތުތަކުގެ ތެރެއިން ކުރެވޭ ޤާނޫނީ ފާސްކުރުންތަކަށް ހުރަސްއެޅޭނެ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

12 މަސް ދުވަހަށްވުރެ ކުރު ޖިނާއީ ޙުކުމެއް ކަނޑައެޅި ޙުކުމް ތަންފީޛުކުރަމުންދާ މެންބަރުންވެސް މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކޮށްދޭންވާނެ ކަމަށް ބިލުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، 12 މަސްދުވަހަށްވުރެ ކުރުނަމަވެސް ޖިނާއީ ކުށެއް ސާބިތުވާކަމަށް މަޖިލީހުގެ މެންބަރެއްގެ މައްޗަށް ކޯޓަކުންޙުކުމެއް އައުމަށްފަހު އެ ޙުކުމަށް ބަދަލެއްނައިސް ދެމިއޮތްހާ ހިނދަކު އެ މެންބަރަކު ޤާނޫނުގެ ކުރިމަތީގައި ވާނީ ކުށްވެރިއަކަށް ކަމަށާއި، މިޙާލަތުގައި އެމީހަކު ވާނީ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމަށް ޖިނާއީ ކުށެއް އެމީހެއްގެ މައްޗަށް ކުރެވިފައިވާ މީހަކަށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.