10 Jan 2013, 16:20
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް ޖީއެމްއާރުން ސިންގަޕޫރުގެ އެކްސިސް ބޭންކުން ނަގާފައިވާ 163.5 މިލިއަން ޑޮލަރު ދިވެހި ދައުލަތުން ދައްކަން ނުޖެހޭނެ ކަމަށް އެ ބޭންކަށް ސަރުކާރުން އަންގައިފި އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން އެ ބޭންކަށް ފޮނުވި ސިޓީއަކާ ހަވާލާދީ އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ "ދަ ހިންދޫ"ގައި ބުނެފައިވަނީ އެމްއޭސީއެލްއިން ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އެ ސޓީގައި ބުނެފައިވަނީ ޖީއެމްއާރާ އެކު 24 ނޮވެމްބަރު 2010 ގައި ދިވެހިން ސަރުކާރުން ކުރި އެގްރިމަންޓް ބާތިލް ކުރީ "ވޮއިޑް އެބް އިނީޝިއޯ"، އުފެދުނު އިރުވެސް ބާތިލް އެގްރިމަންޓެއް ކަމަށްވާތީ ކަމަށެވެ.
އެހެން ކަމަށް ވުމުން އެ އެގްރިމަންޓްގެ ކްލޯސް ތިނެއްގައި ބުނެފައިވާ ގޮތަށް އެ އެގްރިމަންޓަކީ "އާލީ ޓާމިނޭޝަން" ނޫނީ އެގްރިމަންޓްގެ މުއްދަތުގެ ކުރިން އެގްރިމަންޓް ބާތިލް ކުރި ކަމަށް ނުބެލެވޭނެ ކަމަށާއި އެހެން ކަމުން ދަރަންޏަށް އެ ކުންފުނި ޒިމާވާން ނުޖެހޭނެ ކަމަށް އެ ސޓީގައި ބުނެފައިވާ ކަމަށް ހިންދޫގައިވެ އެވެ.
"ޖީއެމްއާރާ އެކު ކުރެވުނު އެގްރިމަންޓް ބާތިލްކޮށް އެއާޕޯޓް ޖީއެމްއާރުގެ އަތުން ނެގީ އެ އެގްރިމަންޓަކީ ވޮއިޑް އެބް އިނީޝިއޯ [އުފެދުނު ދުވަހުން ފެށިގެން ބާތިލް އެއްބަސްވުމެއް ކަމަށް] ގަބޫލުކުރެވިގެންނެވެ. އެހެން ކަމުން ތިޔަ ފަރާތުން [އެކްސިސްބޭންކް ސިންގަޕޫރު]ން ދައްކަން އެދިފައިވާ 163.6 މިލިއަން ޑޮލަރަކީ މި ކުންފުނިން ދައްކަންޖެހޭނެ ފައިސާއެއްނޫނެވެ،" އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް މަހްފޫޒް ސޮއިކުރައްވާ ފޮނުއްވި ސިޓީގައިވާ ކަމަށް ހިންދޫގައިވެ އެވެ.
އެ ލޯނުގެ މައްސަލައިގައި ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އާޒިމާ ވިދާޅުވީ ޖީއެމްއާރަށް ދައުލަތުން ގެރެންޓީ ދީފައިވަނީ "ލިމިޓްލެސް"، ނޫނީ އެއްވެސް ހިފެހެއްޓުމެއްނެތި ކަމަށާއި އެއީ އެއްވެސް ގާނޫނީ މަފްހޫމަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.