10 Jan 2013, 16:25
ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ފަހުގެ ނޯޓިސް ދިނުމުންވެސް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއިން ހިންގާ ދެ ރިސޯޓަކުން ފައިސާ ދައްކާފައިނުވާތީ އެ ރަށްތަކުގެ ހުއްދަ ބާތިލްކޮށް ރަށް ސަރުކާރާ ހަވާލުކުރަން ފޮނުވާފައިވާ ނޯޓިސް މިއަދު ބާތިލް ކޮށް ފައިވާކަމަށް ޔޮޓް ޓުއާސްއިން ބުނެފި އެވެ.
ޔޮޓް ޓުއާސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝިހާމް މިއަދު ސަންއޮންލައިނަށް ވިދާޅުވީ އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ދެ ރިސޯޓުންވެސް އެއްކުއާޓާގެ ފައިސާ ދެއްކުމާއެކު ރިސޯޓް ނެގުމަށް ދީފައިވާ ނޯޓިސް ކެންސަލް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައްކާފައިވަނީ އަދި ދައްކަން އަންގާފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ވިދާޅެއްނުވެ އެވެ.
"ޓޫރިޒަމް މިނިސްޓްރީއާއެކު އެއްބަސްވުމަކަށް އައިސް ފިން، އެބޭފުޅުން މިއަދު އެބައޮތް އަޅުގަނޑުމެނަށް ފޮނުވާފަ އެޓާމިނޭޝަން ނޯޓިސް ކެންސަލް ކުރިކަމަށް،" ޝިހާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއެކު އެއްބަސްވެފައިވަނީ ޖޫރިމަނާއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10 އަހަރަށް ދުވަހަށް ބަހާލައިގެން ދެއްކުމަށާއި އަދި ކުލީގެ ގޮތުގައި ދައްކަންޖެހޭ މިންވަރު ތިން އަހަރަށް ބަހާލައިގެން ދެއްކުމަށް ކަމަށެވެ.
އެކަމާބެހޭގޮތުން ޓޫރިޒަމް މިނިސްޓުރީގެ ބަހެއް ލިބިފައިނުވާއިރު ސަރުކާރުން ޔޮކްޓުއާސް އަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު އަންގާފައި ވަނީ ދައުލަތަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ފަހުގެ ނޯޓިސް ދިނުމުންވެސް ޔޮޓް ޓުއާޒްއިން ހިންގާ ދެ ރިސޯޓަކުން ފައިސާ ދައްކާފައި ނުވާތީ އެ ރަށްތަކުގެ ހުއްދަ ބާތިލްކޮށް ރަށް ސަރުކާރާ ހަވާލުކުރަން ނޯޓިސް ފޮނުވާފައިވާކަމާށެވެ. އަދި ބުނީ ޔޮޓް ޓުއާޒް އިން އެ ފައިސާ ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުމަށް މިނިސްޓްރީއާ ވާހަކަ ވެސް ދައްކާފައި ނުވާއިރު ހަ ކުއާޓާއަކަށްވާ ހަތަރު މިލިއަން ޑޮލަރު އެ ދެ ރިސޯޓުން ސަރުކާރަށް ލިބެންޖެހޭ ކަމަށެވެ.