ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ތުހުމަތުކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އެމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ 20 ޑިސެމްބަރު 2012 ވަނަ ދުވަހު ކަމަށާއި އެމައްސަލާގައި އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ އިތުރު ބަޔަކާއި ބައިވެރިވެގެން ގަސްތުގައި މީހަކު މަރާލާފައިވާ ކަމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެމައްސަލާގައި ހުމާމުގެ އިތުރުން ދައުވާކޮށްދިނުމަށް އެދި މިދިޔަ ޑިސެމްބަރު މަހު ޕީޖީ އޮފީހަށް ފޮނުވީ ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އުމުރުން 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްސަލަ އެވެ. ސަންއޮންލައިނަށް ކަށަވަރުވެފައިވާ ގޮތުގައި އެމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީން ފޮނުވާފައިވަނީ އެމައްސަލާގައި ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހުމާމްގެ މައްޗަށް އެކަންޏެވެ.

އަފްރާޝީމް ދިރިއުޅުއްވަމުން ގެންދެވި ހ.ފުންވިލު ގޭގެ ސިޑިކައިރީގައި އޭނާ މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ފުލުހުން ބުނެފައިވަނީ އެ އަމަލަކީ ދުރާލައި ބަޔަކު ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެކަމުގެ އަޑީގައި ވަނީ ސިޔާސީ ބައެއް ކަމަށެވެ. ނަމަވެސް އެމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ އެއީ ކޮން ބައެއް ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޑރ. އަފްރާޝީމް މަރާލާފައިވަނީ މާލޭގައި ހަރަކާތްތެރިވާ ގޭންގް ގްރޫޕަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށް ފުލުހުން ބުނެފައިވާއިރު އެކަމަށް ފައިސާ ޚަރަދުކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ދެ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޗެއާޕާޝަން އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިކަލުން އަބްދުﷲ ޖާވިދު ހިމެނެ އެވެ. ނަމަވެސް އެެއީ ކޮން ބައެއް ކަމަށް ފުލުހުން މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެ އެވެ.