އިންޑިއާގެ ގައުމީ ދޫންޏެއް ކަމަށްވާ ސާމަރާ ދޫނީގެ ފަތްތަކެއް ރާއްޖެ ގެންނަން އުޅެނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު އިންޑިއާގައި ހައްޔަރުކޮށްފައިވާ ދިވެހި ޒުވާނާ "ބޭލްއައުޓް" (ކަފާލާތު) ގެ ދަށުން މިނިވަން ކުރުމަށް އިންޑިއާގެ ކޯޓަކުން މިއަދު ކަނޑައަޅައިފި އެވެ.

އިންޑިއާގައި ހުންނަ ކޮންސިއުލޭޓްގެ އޮފީހުގެ ފަސްޓް ސެކްރެޓަރީ މުހައްމަދު ފަރުހާދު މިއަދު ސަންއޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމައްސަލާގައި އިންޑިޔާގެ ސަބް ޖެއިލްގައި ހައްްޔަރުކޮށްފައިވާ އުމުރުން 23 އަަހަރުގެ ޒުވާނާ ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް އިންޑިއާގެ ޑިސްޓްރިކް ކޯޓުން ނިންމީ އެމައްސަލަ އިސްތިއުނާފު ކުރުމުން ބޭއްވި ދެވަނަ ޝަރީއަތުގެ އަޑު އެހުމުގައި ކަމަށާއި ބެއިލް އައުޓަށްވާ 25،000 އިންޑިއަން ރުޕީސް އެމައްސަލަ ހުށަހަޅާފައިވާ "ނެޑްމަންގާޑް ކޯޓަށް" ދެއްކުމުން އޭނާ ޖަލުން މިނިވަންވާނެ ކަމަށެވެ. ނަމަވެސް އެމައްސަލަ ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި ނިންމުމަށްވެސް ކޯޓުން ކަނޑައެޅި އެވެ. އެ މައްސަލަ ނިމެންދެން އޭނާއަށް އިންޑިއާ ފުރައިގެން ދިޔުން މަނާވާނެ އެވެ.

"މިމައްސަލާގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ވެސް ޑިސްޓްރިކް ކޯޓުގަ ބޭއްވި، އިއްޔެގެ ޝަރީއަތުގައި ނިންމީ ފޮރެސްޓް އޮފިޝަރަކު ހާޒިރުކުރުމަށާއި ހައްޔަރުކޮށްފައިވާ ޒުވާނާގެ ވިސާއާ ބެހޭ ޑޮކިއުމަންޓްތައް މިއަދުގެ ޝަރީއަތަށް ހުށަހަޅެމަށް، ނަމަވެސް އަޅުގަނޑުމެން ވާނީ އިއްޔެ އޮތް ޝަރީއަތުގެ މަޖިލީހަށް އޭނާގެ ވިސާގެ ޑޮކިއުމަންޓެއް ހުށަހަޅައިފައި، އެޑޮކިއުމަންޓް ކޯޓުން ބޭނުންވީ އޭނާގެ އިތުރު މައްސަލައެއްް އުޅޭތޯ ބެލުމަށް، އެމައްސަލާގަ ކޮންސިއުލޭޓްގެ އޮފީހުން ވެދެވެން އެހީތެރިކަމެއް ވެދެމުން މިގެންދަނީ، ސާމަރާ ދޫންޏަކީ އިންޑިއާގައި ހިމާޔަތްކުރެވިފައިވާ ދޫންޏަކަށްވާއިރު އެފަދަ މައްސަލައެއްގައި ހައްޔަރުކުރެވޭ މީހަކަށް ބެއިލް އައުޓް ކުރުމަކީ ނާދިރު ކަމެއް. އެއީ އެފަދަ މައްސަލަތަކަކީ ނޮން ބެއިލަބަލް މައްސަލައަކަށްވާތީ، ނަމަވެސް ކޯޓުގެ އެއަމުރާ އެކު މިއަދު އެފައިސާ ރަސްމީގަޑީގެ ކުރިން ދެއްކިއްޖިއްޔާ އޭނާ ޖަލުން މިނިވަންކުރާނެ،" ފަރުހާދު ވިދާޅުވި އެވެ.

އިންޑިއާގެ ޗާލާ ބާޒާރުން އެޒުވާނާ ގަނެގެން ގެންދިޔަ ކަމަށް ބުނާ އެފަތްތަކަކީ "ފޭކް ފަތްތަކެއް" ކަމަށް މީގެކުރިން އާއިލާއަށް މައުލޫމާތު ލިބިފައި ވީނަމަވެސް އެކަންތައް އަދި ރަސްމީކޮށް އެއްވެސް ފަރާތަކުން ބުނެފައިނުވާ ކަމަށާއި އެކަންތައް އެނގިގެންދާނީ އެމައްސަލައިގެ ޝަރީއަތުގެ ދެން ހުރި މަރުހަލާތަކުގައި ކަމަށެވެ. އަދި ވިދާޅުވީ އެފަދަ މައްސަލައެއް ސާބިތުވެއްޖެ ނަމަ އަދަބަކީ ތިން އަހަރު ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާ ކުރުން ކަމަށެވެ. ނަމަވެސް މިއީ އެ މީހާގެ ފުރަތަމަ މައްސަލަ ކަމުން އޭނާގެ މައްޗަށް އަންނާނީ 25،000 އިންޑިއާ ރުޕީސްގެ ޖޫރިމަނާއެއް ކަމަށް ލޯޔަރުން ލަފާދީފައިވާ ކަމަށްވެސް ފަރުހާދު ވިދާޅުވި އެވެ.

އެމައްސަލާގައި އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމައްސަލަ ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް ވެސް އާއިލާގެ ފަރާތުން ވަނީ އެދިފަ އެވެ. އިންޑިއާގެ ކަސްޓަމްސުން އޭނާ ހައްޔަރުކޮށްފައި ވަނީ ރާއްޖެ އައުމަށް ފުރަން ވެގެން ގޮސް އެއާޕޯޓްގެ ހުރިހާ ދިމާއަކުން ވެސް ޗެކިން ހެދުމަށްފަހު، ބޯޓަށް އަރަން އުޅެނިކޮށެވެ. އަދި އެފަތްތައް އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކޮށްފައިވަނީ ހަލާކުވެދާނެތީ ކޮތަޅަކަށް ލައިގެން އަތުން ހިފައިންގެ ކަމަށް ވެސް ވެ އެވެ. އެފަތްތައް ބޭރުކުރުން އޭނާ މަސައްކަތްކޮށްފައިވަނީ އެފަތްތަކަކީ އިންޑިއާއިން ބޭރުކުރުން މަނާ އެއްޗެއްކަން އެނގިގެނެއް ނޫނެވެ.

އިންޑިއާގައި ސާމަރާދޫނީގެ ފަތް ވިއްކުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ވަގަށް ފަތްތައް އެތެރެކޮށްގެން ކަމަށާއި އެގޮތަށް ވަގަށް ސާމަރާދޫނީގެ ފަތް ވިއްކަމުން ގެންދަނީ އެގައުމުގެ ސަރުކާރަށް ވެސް ނޭނގި ވަގަށް ކަމަށް ވެ އެވެ.