އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އައްޔަންކޮށް ވޭތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް ދައުވާ ކުރައްވާނެ ކަމަށް، ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.


ސ. ހިތަދޫ ރަންފަސް ހަސަން ލުތުފީ، އޭސީސީ އަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފައި ވީނަމަވެސް، ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ލުތުފީ އެ މަގާމަށް އައްޔަން ކުރައްވާފައިނުވާތީ، އެކަން ރައީސުލް ޖުލްހޫރިއްޔާއަށް ލާޒިމުކޮށް މަދަނީކޯޓުން މިއަދު ހުކުމްކޮށްފައިވާތީ، ހަސަން ލުތުފީ ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި ޝަރުއީ ދާއިރާ ކުރިއަރަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.


މި ދައުވާގައި ލުތުފީގެ ފަރާތުން ވަކާލާތު ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ، ހަސަން ލުތުފީ އެންޓިކޮރަޕްޝަން ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުކޮށް މަދަނީ ކޯޓުން އިއްވި ހުކުމުން، އޭސީސީއަށް ލުތުފީ، އައްޔަން ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ގާނޫނީ ހައްގެއްކަމަށެވެ. އަދި ކޮމިޝަނުގައި ލުތުފީ ހުންނެވުމަކީ ލުތުފީއަށް ވެސް ލިބިގެންވާ ހައްގެއް ކަން އެނގިގެން ހިނގައްޖެކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ލުތުފީއަށް ރުހުން ދީފައިވާ ހިސާބުން ފެށިގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ މުއްދަތުގައި، ލުތުފީއަށް ގެއްލިގެންދިޔަ ވަޒީފާ އާއި މާލީ ގެއްލުންތަކަށް ބަދަލު ހޯދުމަށް ދައުވާ ކުރައްވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި އެކަމާމެދު ގޮތްތަކެއްނިންމައި މުއްދަތެއް ކަނޑައަޅުއްވާނެ ކަމަށް ވެސް އާޒިމާ ވަނީ މިއަދު ވިދާޅުވެފައެވެ.