10:00


ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށްތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ތަހުގީގަށް އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމް ހާޒިރުކުރުމަކީ މުޅި ގައުމަށް ކުރިމަތިވި ވަރަށް ބޮޑު ލަދުވެތިކަމަކާ ބޭޒާރުވުމެއް ކަމަށް ބުނެ މަގާމުން އިސްތިއުފާ ދެއްވުމަށް ލޭބަރ ޕާޓީން ގޮވާލައިފި އެވެ.


ލޭބަރ ޕާޓީން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޝަރީޢަތަށް ކުރިމަތިލެއްވުމުގެ ކުރީން މަގާމުން އިސްތިއުފާ ދެއްވައި، އަމާނާތްތެރިކަމާއެކު މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވޭނެ ފަރާތަކާ އޮޑިޓަޖެނެރަލްކަން ހަވާލުކުރުމަށް ގޮވާލާ ކަމަށެވެ. އަދި ވެރިކަން ހިންގުމުގެ ދާއިރާގެ ތެރޭ ކޮރޮޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމާ، ބޭއިންސާފު މިހާރު އާއްމުވެފައި އޮތް މިންވަރުގެ ތަސައްވުރަކަށް ގައުމުގެ އޮޑިޓަރ ޖެނެރަލް އޭނާގެ އަމިއްލަ ބޭނުންތަކަށްޓަކައި ދައުލަތުގެ މުދަލާއި ފައިސާއިން ވެފައިވާ ޚިޔާނާތް ފުދޭ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


ލޭބަރ ޕާޓީގެ އެ ބަޔާނުގައި ބުނެފައިވަނީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރަށް ދޮޅު އަހަރުވާން ކައިރިވެފައިވާއިރު މި ސަރުކާރުން ކޮށްފައިވާ އެއްވެސް ހޭދައެއް އަދި ޚަރަދެއް އޮޑިޓް ކުރައްވާކަށް އޮޑިޓަރ ޖެނެރަލް މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ނެރުނު އޮޑިޓް ރިޕޯޓްތަކާއި 2009 އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިޚާބާ ދިމާކޮށް ނެރުނު ރިޕޯޓްތަކަކަށް ފަހު އޮޑިޓަރ ޖެނެރަލްގެ ހިލަމެއް ނުވާތާ އަހަރެއް ވަނީ ކަމަށް ވެސް އެބަޔާނުގައި ބުނެ އެވެ.


މިކަމާ ގުޅިގެން އޮޑިޓަރ ޖެރެނަލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.