އިންޑިއާގެ ޓުޓްކޮރިން ބަދަރުގައި ހިފަހައްޓާފައިވާ މުދާ އުފުލާ ދިވެހި ބޯޓެއްގައި ތިބި ފަޅުވެރިންތަކެއް ހާލުގައި ޖެހިފައިވާތީ އެމީހުން ސަލާމަތް ކުރުމުގައި އެހީތެރިވެދިނުމަށް މޯލްޑިވްސް މަނިޓަރީ އެތޯރިޓީގައި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ އެދިވަޑައިގެންފި އެވެ.

މުސްތަފާ އެމްްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބަށް އެޑްރެސްކުރައްވާ ރޭ ފޮނުއްވާފައިވާ އެސްއެމްއެސްއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިންސުއަރެންސް ކުންފުނިތަކުގެ ގާނޫނީ ބަލަދުވެރިއަކީ އެމްއެމްއޭ ކަމުގައި ވާއިރު ޓުޓްކޮރިން ބަދަރުގައި ހިފަހައްޓާފައިވާ "އެމްވީ މޯނިންގް ސްޓާ" އާ އޭގައި ތިބި ދިވެހި ފަޅުވެރިން މިނިވަން ކުރުމަށް ފޮރިން މިނިސްޓްރީއަށް ވުރެ މުހިންމު ދައުރެއް އެމްއޭއަށް އަދާކުރެވޭނެ ކަމަށެވެ.

މުސްތަފާ ވިދާޅުވީ އިންޑިއާއިން ފަޅުވެެރިންނާ އެކު އެބޯޓް ހިފަހައްޓައިގެން އުޅެނީ ކޮޗިން ކައިރިއަށް އަޑިއަށްދިޔަ އޭނާގެ "އެމްވީ ސީއެންޖެލް" ނެގުމަށްފަހު އެ ސަރަަހައްދަށް ލިބިފައިވާ ގެއްލުން ސާފުނުވަނީސް ނުފުރޭނެ ކަމަށް އިންޑިއާގެ ކޯޓަކުން ކޮށްފައިވާ ހުކުމަކާ ގުޅިގެން ކަމުގައިވާއިރު އަޑިއަށް ދިޔަ އެބޯޓަކީ އިންސުރެންސްކޮށްފައިވާ ބޯޓެއް ކަމަށެވެ. ނަމަވެސް އިންސުއަރެންސްގެ ފައިސާ އެލައިންޑް އިންސުއަރެންސުން ނުދީގެން އުޅެނީ ކޮން ސަބަބަކާ ހުރެތޯ ބައްލަވައިދިނުމަށް ވެސް މުސްތޮފާ ވަނީ ގަވަނަރުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

"އިންޑިއާގެ ކޮޗިން ކައިރިއަށް އަޑިއަށް ދިޔަ އަޅުގަނޑުގެ ބޯޓް ގެ ބަދަލު ނުދީ އެލައިޑް އިންސުއަރެންސުން އުޅޭ މައްސަލައިގައި އެމްއެމްއޭއަށް އަޅުގަނޑު މީގެކުރިން ވެސް ލިޔެ ދަންނަވާފައިވަނީ، މިކަމަށް ހައްލެއް ގެނެސް އަޅުގަނޑުގެ ހައްގު ހިމާޔަތް ކޮށްދެއްވާ ރާއްޖޭގައި އިންސުއަރެންސް ކޮންޕެނީތަކަށް މީހުންގެ ހައްގުތަކާ މެދު އެ ގޮތަށް އިހުމާލުވިޔަ ނުދެއްވާ ޒިންމާދާރު ކުރައްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމާ އެކު، ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމަށް އެއްވެސް ނަތީޖާއެއް ނުގެންނަވާ ތިޔަ އޮތޯރިޓީގެ ބޭފުޅުން ހަނުތިއްބެވީތީ ވަރަށް ހިތާމަކުރަން، އަޅުގަނޑު އަދިވެސް އުއްމީދު ކުރަނީ މިމައްސަލަ ރަނގަޅަށް ބައްލަވާ އަމަލީ ފިޔަވަޅު އެޅުއްވުން،" މުސްތަފާ އެމްއެމްއޭގެ ގަވަރުނަރަށް ފޮނުއްވި ސިޓީގައިވެ އެވެ.

ކޮޗިން ކައިރިއަށް އަޑިއަށް ދިޔަ އެބޯޓަކީ ޕީއެންއައި އިންސުއަރެންސް ކޮށްފައިވާ ބޯޓެއް ކަމުގައިވާއިރު "ވްރެކް ރިމޫވް" ކޮށްދިނުމަކީ އެލައިޑަށް ލާޒިމް ކަމެއް ކަމަށާއި އެތަނުން އެބޯޓު ނެގުމަށްދާ ހަރަދު ދޭނެ ކަމުގެ ޔަގީންކަން އެލައިޑުން ދިނުމުން އެ ބޯޓަށް މިހާރުވެސް ފުރޭނެ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ. އަދި އެބޯޓްތައް މާލެއިން ފުރައިގެން ދިޔައީ ވެސް އެލައިޑްގެ ހުއްދަ ލިބިގެން ކަމަށް ވެސް އެނާ ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ޓޫޓްކޮރިން ބަދަރުގައި އޮތް މޯނިން ސްޓާގައި ތިބި ހަ ދިވެހިން ހާލުގައި ޖެހިގެން އުޅޭ މައްސަލަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ގެންދަނީ ބަލަމުންނެވެ. އަދި އަޑިއަށް ދިޔަ ބޯޓާއި ހިފަހައްޓާފައި އޮތް ބޯޓަކީވެސް މުސްތަފާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ދެބޯޓު ކަމުގައިވިޔަސް އެކަމުގައި ޒިންމާ ނަގަންޖެހޭނީ އެބޯޓުގެ މެނޭޖްމަންޓް ކުންފުނި، "މޯލިންކްސް" އިން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މޯލިންކްސްއަކީ މުސްތަފާގެ ތިމާގެ މީހެއްގެ ކުންފުންޏެެކެވެ.

ސަންއޮންލައިނަށް އެނގިފައިވާ ގޮތުގައި މުސްތަފާ އެމްއެމްއޭއަށް ހުށަހަޅުއްވާފައިވާ އެމައްސަލާގައި "ރެގިއުލޭޓްރީ އިސޫއެއް" އުޅޭތޯ އެމްއެމްއޭއިން ގެންދަނީ ބަލަމުންނެވެ. ނަމަވެސް އެކަމުގައި އެމްއެމްއޭގެ ބަހެއް މިއަދު ލިބޭގޮތެއްނުވި އެވެ.