ރާއްޖެއަށް އެތެރެކުރި 50 ކިލޯގެ 18 ބަސްތާ ހަނޑޫ ހަލާކުވުމުގެ ސަބަބުން އިއްޔެ ނައްތާލައިފި އެވެ. އެގޮތުން ނައްތާލާފައިވާ ހަނޑުލުގެ ޖުމުލަ އަދަދު 900 ކިލޯއަށް އަރަ އެވެ.

ކަސްޓަމްސް އިން ބުނީ އިއްޔެ ތިލަފުށީގައި ނައްތާލި ހަނޑޫތައް ނައްތާލާފައިވަނީ އެތެރެ ކުރި ހަނޑޫ ޝިޕްމަންޓަށް ފެން އެޅި އެ ބަސްތާތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާތީ ކަމަށެވެ. އަދި ބުނީ އެތަކެތި ނައްތާލާފައިވަނީ އެކަމަށް ފުޑް އެންޑް ޑުރަގް އޮތޯރިޓީއިން ލަފާދިނުމާއި ގުޅިގެން އެފަރާތާއި މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ.

ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބުނެފައިވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބަހައްޓާ ތަކެތީގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަކީ ކެއުމަށް ބޭނުންކުރުމަށް އެކަށީގެންނުވާ ތަކެތިކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ކަނޑައަޅައިފިނަމަ އެތަކެތި ނައްތާލަން ޖެހޭނެ ކަމަށެވެ.