10 Jan 2013, 14:04
ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މަޝަހޫރު ޕޮޕް ލަވަކިޔުންތެރިޔާ، މައިކަލް ޖެކްސަންގެ އަންހެން ކޮއްކޮ ޖެނެޓް ޖެކްސަން،46 ، އިސްލާމް ދީން ގަބޫލުކޮށްފި ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ. ޖެނެޓް ޖެކްސަން އަކީވެސް މަޝްހޫރު ލަވަކިޔުންތެރިންގެ ލިސްޓުގެ ކުރީގައި އުޅޭ ތަރި އެކެވެ.
އެމެރިކާގެ އިންޑިއާނާއަށް އުފަން ޖެނެޓް ޖެކްސަން އިސްލާމް ވެފައި މިވަނީ އޭނާއަށްވުރެ އުމުރުގެ ގޮތުން 10 އަހަރު ހަގު ގަތަރު ގެ ބިލިޔަނަރެއްކަމަށްވާ ވިސާމް އަލް މާނާ، 37، އާ ކައިވެނިކުރުމަށް ކަމަށް ވެއެވެ. އެދެމީހުން ފުރަތަމަ ބައްދަލުވެފައި ވަނީ ޖެނެޓް ޖެކްސަން މިޑްލް އީސްޓުގައި ޝޯއެއް ދޭން ގޮސް އުޅުމުގެ ތެރޭގައި 2009 ވަނަ އަހަރު ގައި ކަމަށް ވެއެވެ.
ޔޫއެސް ވީކްލީގައި ވާގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ އާއި ގަތަރުގެ 37 އަހަރުގެ މަހުޖަނު ވިސާމް، 2010 ވަނަ އަހަރުން ފެށިގެން އަންނަނީ ގުޅުންތައް ބަދަހި ކުރަމުންނެވެ. އަދި އެ ދެ މީހުން ވާ ލޯތްބެއްގެ ބޮޑުކަމުން ވިސާމް ޖެނެޓަށް ހަދިޔާކުރި އަގުބޮޑު އަނގޮޓިއެއް ޖެނެޓް ގެންގުޅެނީ ހާއްސަ އެއްޗެއްގައި ތަޅުލައިގެންނެވެ.
އަދި ބައެއް ރިޕޯޓްތައް ބުނާގޮތުން ޖެނެޓް އާއި ވިސާމްގެ އެންގޭޖްމަންޓް ރިންގެއްގެ ގޮތުން ވިސާމްގެ މުއްސަނދި އާއިލާއިން ވަނީ 15 ކެރެޓްގެ އަލިމަސް އަނގޮޓިއެއް ޖެނެޓްގެ އިނގިލީގައި އަޅުވާފަ އެވެ.
ޖެނެޓް ޖެކްސަންއާއި ވިސާމްގެ ކައިވެނި ކުރާނީ މުސްލިމު ކައިވެނިތައް ކުރާ އުސޫލުން އިސްލާމީ އާދަކާދައާއި ސަގާފަތާ އެއްގޮތަށް ކަމަށް ވެއެވެ. ތުރުކީގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ އަދްނާން އޮކްތާރު (ހާރޫން ޔަހްޔާ) އާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނަނީ ޖެނެޓް ޖެކްސަން އިސްލާމްދީން ގަބޫލުކޮށްފައި ވީނަމަވެސް އޭނާގެ ބޭބެ މައިކަލް ޖެކްސަނެކޭ އެއްގޮތަށް އޭނާ ވެސް ވަނީ އޭނާގެ ފޭނުންނަށް އޭނާގެ އާ ދީން ސިއްރު ކޮށްފަ އެވެ.
ވިސާމް އާއި ޖެނެޓްގެ ގާތް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެ ދެމީހުންގެ ކައިވެނި ވެގެންދާނީ މިފަހަކަށް އައިސް ދުނިޔޭގައި ކުރެވޭ އެންމެ ބޮޑު އަދި ގިނަ ހަނދާންތަކެއް އެކުލެވިގެން ވާ ކައިވެންޏެއް ކަމަށެވެ. އަދި އެދެމީހުންގެ ކައިވެނީގެ ހަފުލާގައި ބައިވެރިވާ 500 އެއްހާ މެހެމާނުން (އާއިލާ މެންބަރުންނާއި ރަހުމަތްތެރިން) ގެ ދަތުރަށް އެކަނި ތިން މިލިޔަން ޑޮލަރު ހަރަދު ކުރާނެ ކަމަށާއި އޭގެތެރެއިން އެހަފުލާގައި ބައިވެރިވާ ކޮންމެ މެހެމާނަކަށް ޝުކުރު އަދާކުރުމުގެ ގޮތުން 10000 ޑޮލަރުގެ އަގުހުރި ރޮލެކްސް ގަޑިއެއް ދިނުމަށް ވިސާމް ބޭނުންވާ ކަމަށް ވެއެވެ.
"ވިސާމް ޖެނެޓް އާއި ކައިވެނިކުރާއިރު ވަރަށް ބޮޑު ޚަރަދެއް ކުރާނެ. އެ ކައިވެނި ވެގެންދާނީ 'ވެޑިން އޮފްދަ ސެންޗަރީ' އަށް" ވިސާމްގެ ގާތްމިހަކު ބުނިކަމަށް ވެއެވެ.
ލަފާކުރެވޭ ގޮތުގައި އަންނަ ފިނިމޫސުމުގައި ގަތަރުގެ ވެރިރަށް ދޯހާގައި ކައިވެނި ކުރުމަށް ތައްޔާރުވަމުންދާ އެ ދެބައިވެރިންގެ ކައިވެންޏަށް ގާތްގަނޑަކަށް 20 މިލިޔަން އެމެރިކާ ޑޮލަރު ހަރަދު ކުރާނޭ ކަމަށް ބެލެވެ އެވެ.
ވިސާމް އަލް މާނާގެ މިލްކިއްޔާތުގައި އެއްބިލަޔަން ޑޮލަރު ހުރިކަމަށް ވެއެވެ. އޭނާ އަކީ މެދު އިރުމަތީގެ އެންމެ މުއްސަނދި އެއް އިންވެސްޓަރު ކަމުގައިވާ އަލް މާނާ ރީޓެއިލްގެ މެނޭޖިންގް ޑައިރެކްޓަރެވެ. އަދި އޭނާގެ ހިއްސާ އޮންނަ ތަންތަނުގެ ތެރޭގައި ދުބާއީ، ދޯހާ، ބަހުރެއިން އަދި ކުވައިތުގައި ހުންނަ މަޝްހޫރު ސާކްސް ފިފްތު އެވެނިއުގެ ސްޓޯ އާއި ދުނިޔޭގެ 26 ގައުމެއްގައި ހުންން އަލް މާނާ ލަގްޒަރީ އެކްސްޗޭންޖް (އަރުމާނީ އެކްސް ޗޭންޖު)ގެ 128 ފިހާރައިގެ ހިއްސާވެސް ހިމެނެ އެވެ.
ޖެނެޓް ޖެކްސަން އަކީ މައިކަލް ޖެކްސަން އާއިލާގެ އެންމެ ހަގު މީހާއެވެ. އޭނާއަކީ ލަވަ ކިޔުންތެރިއެއްގެ އިތުރުން ލަވަ ހެދުމާއި މިއުޒިކު ހެދުމާއި، ޕްރޮޑިއުސް ކުރުމާއި، ފިލްމުކުޅުމާއި ފިލްމު އުފެއްދުމާއި ނެށުމާއި އަދި މޮޑެލްކުރުން އަދި ފެޝަން ޑިޒައިނިންގެ އިތުރުން އަދި ދޫހެލޭ ވާހަކަ ދެއްކުންތެރި އެއްވެސް މެއެވެ.
މީގެކުރިން އޭނާގެ ދެ ބޭބެ ކަމަށްވާ މައިކަލް ޖެކްސަން އާއި ޖާމައިންލަޖުއަން ޖެކްސަން، 58، (މުހައްމަދު އަބްދުލް އަޒީޒު) ވެސްވަނީ އިސްލާމް ދީން ގަބޫލުކޮށްފަ އެވެ. ޖެކްސަން އާއިލާ އަކީ މިއުޒިކުގެ ދުނިޔޭގައި މަޝްހޫރު އާއިލާ އެކެވެ.