10 Jan 2013, 13:52
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވިއްކަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.
ރ. އިގުރައިދޫ މަގުމަތީގައި އެތަކެތި ވިއްކަމުން ދަނިކޮށް ރޭ 12:35 އެހާކަންހާއިރު ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އިގުރައިދޫގައި ވިއްކަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢޫލޫމާތަކާއި ގުޅިގެން އުނގޫފާރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ނުއަގުގައި މިތަކެތި ވިއްކަނިކޮށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން އަދި ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާގެނައި ވަގުތު އެސަރަހައްދަށް އެއްލައިލި ސިނގިރެޓް ފޮށްޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކަކާއެކު އިގުރައިދޫން މީހަކު ހައްޔަރުކުރިއިރު، ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކަކާއި ފައިސާތަކަކާއެކު ސ. ހިތަދޫން ވަނީ މިދިޔަ އާދިއްތަ ދުވަހު ވެސް މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ މީހަކެވެ. އަދި ވަގަށް ގެންދިޔަ ސާމާނު ހޯދާފައިވަނީ އޭނާ ދިރިއުޅޭ ކޮޓަރިން ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހުގެ ފަތިހު 4:30 ހާއިރު އޭނާ ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރިއިރު، އެ ކޮޓަރިތެރޭ ހުރި ފޮށިގަނޑެއްގެ ތެރެއިން ވަގަށްނެގި ސާމާނުތައް ފެނިފައިވާ ކަމަށެވެ.
އެގޮތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކާއި ގަހަނާތަކާއި އިންޑޮނޭޝިއާ ފައިސާ ތަކަކާއި އާއި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.