މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަންގައި ވީބީ އައްޑޫ އެފްސީއަށް ކުޅުނު ކުރީގެ ރާއްޖޭގެ ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ކުޅޭނެ ވަކި ޓީމެއް އަދި ނުނިންމާ ކަމަށް އޭނާ ބުނެފި އެވެ.

ޖަމްބޭ ބުނީ، ވީބީގެ ކޮންޓުރެކްޓް ހަމަވިއިރު، ކުޅޭނެ ޓީމެއް އަދި ނިންމާފައި ނުވާނެ ކަމަށާއި މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެއްވެސް ޓީމަކުން ނުފެނުންވެސް ވަރަށް ގާތް ކަމަށެވެ.

ޖަމްބޭ އެންމެ ފަހުން ވެސް ވީބީއަށް ކުޅުނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުންނެވެ.

މެދުނުކެނޑި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރުކަން ކޮށްފައިވާ ޖަމްބޭ މީގެ ކުރިން ވަނީ ނިއުރޭޑިންޓް ސްޕޯޓްސް ކުލަބާއި އައިއެފްސީ އަދި ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އައިއެފްސީއަށް އޭނާ ވަނީ ތިން އަހަރު ދުވަހު ކުޅެފަ އެވެ.

މީގެއިތުރުން ޖަމްބޭ އަކީ 2005 ވަނަ އަހަރު އޭ އެފް ސީކަޕްގެ ސެމީއަށް ނިއު ދަތުރު ކުރި އިރު އެޓީމުގެ ދިފާއު ބެލެހެއްޓުމުގެ އިތުރުން 2008ގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދިއިރުވެސް ދިފާއުގައި ވަރުބަލިކަމެއްނެތި މަސައްކަތް ކުރި ކުޅުންތެރިއެކެވެ.