މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) ގެ ފަރާތުން ބޮޑު ޖަލްސާއެއް މިރޭ ނ. ހޮޅުދޫގައި ބާއްވާ ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ކައުންސިލަރުންނާއި މެންބަރުން ޕާޓީއާ ގުޅޭނެ ކަމަށް އެމްޑީއޭގެ ވަގުތީ ސްޕޯކްސް ޕާސަން އަދި ނައިބު ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެ އެވެ.

މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ މި ޖަލްސާ އަކީ އެމްޑީއޭ އަށް މެންބަރުން އިތުރުކުރުމަށް މިހާރު ނ. އަތޮޅަށް ކުރަމުން އަންނަ ޚާއްސަ ދަތުރު ނިންމައިލުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށެވެ.

އާމިރު ވިދާޅުވީ އެމްޑީއޭގެ ފަރާތުން ނ. އަތޮޅުގެ ރަށްތަކަށް މިކުރި ދަތުރުގައި ޕާޓީ އަށް ވަރަށް ބޮޑު ސަޕޯޓެއް ލިބެމުން އަންނަ ކަމަށެވެ. އަދި ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރެކޯޑު އަދަދަކަށް ޕާޓީއަށް މެންބަރުން ވަދެފައިވާ ކަމަށާއި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ މެންބަރުން ޕާޓީ އަށް ވަންނަމުން އަންނަ ކަމަށެވެ.
އާމިރު ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް މި ފެށި ދަތުރު ހުއްޓުމެއް ނެތި ކުރިޔަށް ދާނެ ކަމަށެވެ. އެ ގޮތުން ޕާޓީގެ ފަރާތުން ރާއްޖޭގެ އެންމެ އުތުުރުން އެންމެ ދެކުނާ ހަމަޔަށް ދަތުރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ފަށައިގެން މި އުޅޭ ދަތުރަކީ ދިހަ ހާސް ހަމަވުމުން ހުއްޓައިލަން ފަށައިގެން އުޅޭ ދަތުރެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ މި ޕާޓީ މި ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ ޕާޓީއަށް ހެދުން. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ އެކަން ވާނެ،" އާމިރު ވިދާޅުވި އެވެ.

މިރޭ އެމްޑީއޭގެ ފަރާތުން ހޮޅުދޫގައި ބާއްވާ ޖަލްސާ ރާއްޖޭގެ ގިނަ ޓީވީ ސްޓޭޝަން ތަކާއި އެފްއެމް ރޭޑިއޯ ތަކުން ލައިވް ކުރާން ވަނީ ހަމަޖައްސައިފަ އެވެ.