ތިލަފުށީގައި ގެންގުޅޭ ބަކަރިއަކުންފެނިފައިވާ "އޯއާރުއެފް" ވައިރަސްއަކީ އިންސާނުންނަށް އެހާ ނުރައްކާތެރި ވައިރަސްއެއް ނޫންކަމަށް ސެންޓާ ފޯ ކޮމިއުނިޓީ ހެލެތް އެންޑް ޑިޒީޒް (ސީސީއެޗްޑީސީ)ން ބުނެފި އެވެ.

އޯއާރްއެފް ވައިރަސްއަކީ ނުރައްކާތެރި ވައިރެސްއެއްކަމަށް އެގްރިކަލްޗާ މިނިސްޓްރީން މިދިޔަ ހޯމަ ދުވަހު ބުނެފައިވީ ނަމަވެސް ސީސީއެޗްޑީސީގެ އެޕިޑީމިއޮލޮޖިސްޓް ޑރ.އައިޝަތު އަރޫނާ ވިދާޅުވީ "އޯއާރުއެފް" ވައިރަސް އިންސާނުންނަށް ޖެހެނީ އެ ބަލި ޖެހިފައިވާ ބަކަރިއެއްގައި އަތްލުމުން އިންސާނުންގެ ހަންގަނޑަށް ކަމަަށެވެ. އަދި އެ ބަލީގައި އާންމު ގޮތެއްގައި ފޮޅު ނަގާނީ އަތުގެ ހަންގަޑުގައި ކަމަށާއި އެ ފޮޅުތައް އޭގެ އަމިއްލަ ޒާތުގައި ރަނގަޅުވާނެ ކަމަށް އަރޫނާ ވިދާޅުވި އެވެ.

"އެބައްޔަކީ ބަކަރީގެ ފަރާތުން އިންސާނުނަށް ޖެހިދާނެ ބައްޔެއް. ނަމަވެސް އިންސާނުނަށް އެބަލިޖެހޭނީ ބަކަރީގައި އަތްލުމުން، އެއަކީ ނުރައްކާތެރިބައްޔެއް ނޫން، ބަކަރި ގެންގުޅޭ މީހުނަށް ޖެހޭނީ،" ޑރ. އަރޫނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބަކަރިތައް ގެންގުޅޭ މީހަކަށް މިހާތަނަށް އެ ބަލީގެ އަސަރު ކޮށްފައި ނުވާ ކަމަށާއި އެފަދަ ބަކަރި އެއްގެ މަސްކެވުނަސް އެ ބަލި ޖެހުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ. ނަމަވެސް އެގްރިކަލްޗާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އިންސާނުންނަށް ވެސް ނުރައްކާތެރި ބައްޔެއްގެ ވައިރަސް ތިލަފުށީގައި ގެންގުޅޭ ބަކަރިއަކުން ފެނިފައިވާ ކަމަށާއި އިންސާނުންގެ ހަންގަނޑަށާއި ލޮލުގެ އިތުރުން ފިރިހެނުންގެ ޖިންސީ ގުނަވަންތަކަށްވެސް އެ ބަލީގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށެވެ.

ތިލަފުށީގައި ބަކަރި ގެނގުޅޭ މައްސަލައަށް އަލިއަޅުވާލައްވާ އަރޫނާ ވިދާޅުވީ ތިލަފުށި ފަދަ ވިހަ މާއްދާތައް ގެންގުޅޭ ރަށެއްގައި ކާންދީގެން ބޮޑުކުރަމުން އަންނަ ބަކަރީގެ މަސްކެއުމަކީ ނުރައްކާތެރިކަމެއް ކަމަށެވެ. އަދި ތިލަފުށީގައި ބަކަރި ގެންގުޅުމަކީ މަނާކަމެއްކަމަށް ތިލަފުށީ ކޯޕަރޭޝަނާ ހަވާލާދީ ޑރ. އަރޫނާ ވިދާޅުވި އެވެ.

ތިލަފުށީ ކޯޕަރޭޝަނުން ބުނީ އެރަށަކީ ސިނާއީ މަސައްކަތްކުރުމަށް ދޫކޮށްފައިވާ ރަށެއްކަމުން އެރަށުގައި ބަކަރި ފަދަ ތަކެތި ގެންގުޅުމަކީ މަނާކަމެއް ކަމަށާއި އެކަންކުރަނީ ހުއްދަ ނުނަގާ ކަމަށެވެ.