10 Jan 2013, 12:52
ވޭދުވެދިޔަ އަހަރު ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ކުލަބުކަމަށްވާ ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބުން ޒަމާންތަކެއް ވަންދެން އެޓީމުގެ އެއް ނަންބަރު ޖާޒީގެ ގޮތުގައި ބޭނުން ކުރި ގަދަ ނޫކުލަ، "ރޯޔަލް ބްލޫ" ދޫކޮށް މަޑު ނޫކުލަ "ސްކައި ބުލޫ" އަށް ބަދަލު ކޮށްފި އެވެ.
ނިއުގެ އާ ހޯމް ޖާޒީއާއި އަވޭ ޖާޒީ ދައްކާލާފައި މިވަނީ އެޓީމާއި އަލަށް ގުޅުނު ހެޑްކޯޗް ބަލްގޭރިޔާގެ ވެލިޒާރު ޕޮޕޯފް އާއި އެޓީމުގެ ދެ އެސިސްޓެންޓް ކޯޗް މުހައްމަދު އިގުބާލާއި އަދި މުހައްމަދު ނިޒާމް ތައާރަފް ކުރުމަށް މިއަދު އެފްއޭއެމް ހައުސްގައި އެޓީމުން ބޭއްވި ޕްރެސް މީޓީންގަ އެވެ.
ނިއުގެ ޖާޒީގެ ކުލަ މަޑުނޫކުލައަށް ބަދަލު ކުރުމާއި ބެހޭގޮތުން އެޓީމުގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީވަހީދު (ބަލަކް) ވިދާޅުވީ މިފަހަރު ޓީމުގެ ކުލަ ބަދަލުކޮށްލީ ހުސްވިއަހަރު ސަޕޯޓަރުންގެ މެދުގައި މަޑުނޫކުލައަށް ބޮޑު ތަރުހީބެއް ލިބިފައި ވުމާއި އަދި ރަހަ ތަފާތު ކޮށްލުމުގެ ގޮތުން ކަމަށެވެ.
"އަޅުގަނޑުމެންގެ ހޯމް ޖާޒީއެއްގެ ގޮތުގައި މިފަހަރު މިދަނީ ސްކައި ބްލޫއަށް. އެއީ މީގެ ކުރިންވެސް އަޅުގަނޑުމެން ހުންނާނެ ސްކައި ބްލޫގައި ކުޅެފައި. އެހެން ކަމުން އަޅުގަނޑުމެން މިފަހަރު މިބަލަނީ ތަފާތެއް ގެންނަން. ބޭރުގައުމުތަކުގައިވެސް އެކި ފަހަރު މިގޮތަށް 'ފްލަޔާ' ތަފާތު ކޮށްލާ. އަދި އަޅުގަނޑުމެންގެ ސަޕޯޓަރުންގެ މެދުގައިވެސް ސްކައި ބްލޫވަނީ މިދިޔަފަހަރު ވަރަށް ބޮޑަށް ހިނގާފައި،" ބަލަކް ވިދާޅުވި އެވެ.
ބަލަކް އިތުރަށް ވިދާޅުވީ މަޑުނޫކުލައިގެ ޖާޒީގައި މިފަހަރު ޓީމު ނުކުތަސް އެއީކީ ދާއިމީ ބަދަލެއް ނޫން ކަމަށާއި އަދި އެނބުރި ގަދަ ނޫކުލައަށް އެނބުރި އަންނާނެ ކަމަށެވެ. އަދި ބައެއް ފަރާތް ތަކުން އެކަން ސިޔާސީ ކަމަކަށް ބަދަލުކުރަން މަސައްކަތް ކުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރަސްމީ ކުލައަކީ އަދިވެސް ހަމަ ގަދަ ނޫކުލަ. އެކަމަކު ދެން މި ތިންކުލަ (ގަދަ ނޫކުލަ، މަޑު ނޫކުލަ އަދި ހުދުކުލަ) އަޅުގަޑު މެންގެ ޓީމުގައި ބޭނުން ކުރެވޭތީ އަޅުގަނޑުމެންގެ މެނޭޖުމަންޓުން މިފަހަރު މިގޮތަށް ނިންމީ... ފަހަރެއްގަ އަޅުގަނޑުމެންގެ ޒާޖީގައި ގޯލްޑް ފަށެއް އެޅުމުން މިސާލަކަށް އެކަން ނުވިސްނާ ބައެއް ފަރާތްތަކުން އެކަން ސިޔާސީ ކޮށްލަންވެސް މަސައްކަތް ކޮށްފާނެ. އެކަމަކު މިއީ ފުޓްބޯޅައިގައި އާކަމެއް ނޫން. ޗެލްސީ ތަންތާނގަވެސް އެމީހުންނަށް ޗެމްޕިއަންކަން ލިބުމުން އެގޮތަށް ގޯލްޑް ފަށެއް ޖާޒީގައި އަޅާލާ،" ނިއުގެ ޗެއާމަން ވިދާޅުވި އެވެ.
ނިއުރޭޑިއެންޓު ސްޕޯޓްސް ކުލަބުން މިފަހަރު އަވޭ ޖާޒީއެއްގެ ގޮތުގައި ބޭނުން ކުރާނީ ކޮނޑު މަތީގައި ރަންކުލައިގެ ތިން ފަށް އަޅާފައި ހުންނަ ހުދު ކުލައިގެ ޖާޒީއެކެވެ. އެ ޖާޒީއާ ބެހޭގޮތުން ބަލަކު ވިދާޅުވީ އެ ތިންފަށަކީ 97 ވަނަ އަހަރު ނިއުއަށް ލިބުނު ކާމިޔާބު ފާހަގަ ކުރުމުގެ ގޮތުން ރަމްޒީ ގޮތުން އަޅާފައިވާ ތިން ފަށް ކަމަށެވެ.
"އަޅުގަނޑުމެންގެ އަވޭ ޖާޒީގަ މިފަހަރު ފެންނާނެ ގޯލަޑް ތިން ރިބަން. އަޅުގަނޑުމެން އެ އިހުތިޔާރު ކުރުމުގައި ބޮޑަށް ބަލާފައި މިވަނީ 97 ގައި އަޅުގަނޑުމެންނަށް ލިބުނު ކާމިޔާބު ގޮތަށް ރާއްޖޭގެ ތިން މުބާރާތް ކާމިޔާބު ކުރުން ލަނޑުދަނޑިއެއްގެ ގޮތަށް ބަލަން. އެއީ އަޅުގަނޑުމެން އެ ތިން ރިބަން ފަށުން ރަމްޒު ކޮށްދޭ އެއްޗަކީ،" ބަލަކު ވިދާޅުވި އެވެ.
ޖާޒީގެ ކުލަޔާ ބެހޭގޮތުން ބަލަކު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ގަދަނޫކުލަ ލައިގެން ނިއުރޭޑިއެންޓަށް މާބޮޑު ކާމިޔާބުތަކެއް ލިބިފައި ނުވާކަމަށެވެ. އެހެން ކަމުން ގޮތްބަލާލުމަށް މިފަހަރު ކުލަ ބަދަލު ކޮށްލީ ކަމަށް އޭނާ ވިދާޅުވި އެވެ.
"... މީގައި ތަފާތު ކުރަން އެބަ ޖެހެއެއް ނޫންތޯ؟ ގަދަ ނޫކުލައިގައި އަޅުގަނޑުމެންގެ ޓީމު މިދިޔަ ހަތަރު ފަސް އަހަރު ތަންކޮޅެއް ދަށްކޮށް މިދިޔައީ. އެހެންވެ އޭއެފްސީ ކަޕުގައި ދެން މި ކުލަ ބަދަލުކޮށްލަނީ. އެނގިދާނެތާ ވާއެއްޗެއް. އަނޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އަންނަ އަހަރު އެނބުރި ގަދަ ނޫކުލައަށް އަންނާނަން،" ބަލަކު ވިދާޅުވި އެވެ.
މިމަހުގެ ފަހުކޮޅު ނިއުގެ އެކަޑަމީ ހުޅުވާ އިރު އެޓީމުގެ ޖާޒީތައް އެފްއޭއެމް ހައުސްގައި ހުންނަ އެޓީމުގެ އޮފީހުން ގަންނަން ލީބޭވަރު ވާނެކަމަށް ނިއުގެ ޗެއާމަން ވިދާޅުވި އެވެ. އަދި ޖާޒީގެ އިތުރުން ބައެއް ޓީމުގެ ބައެއް ސުވެނިއާޒް ފަދަ ތަކެތިވެސް މާކެޓަށް ނެރުމަށް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިޔަށް އޮތްތާނގައި އެޓީމުގެ ސަޕޯޓަރުން ކުޅިބަލަން ދަނޑަށް ވަންނަ އިރު ނިއުރޭޑިއެންޓުގެ ޖާޒީގައި ދަނޑަށް ވަނުމަށާއި އަދި ޚާއްޞަކޮށް އެޓީމު އޭއެފްސީ ކަޕުގައި ރާއްޖޭގައި ކުޅޭ މެޗުތަކަށް ހުރިހާ ސަޕޯޓަރުންވެސް ނޫކުލައިގެ ޖާޒީގައި ވަޑައިގަތުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަލަކު ވިދާޅުވި އެވެ.