ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ބޭރުން ކަނޑު އަޑީގެ ފަސްގަނޑުން ބައެއް ހޯދުމަށް ރާއްޖެއިން އދ ގައި ކުރާ ދައުވާއަށް އިނގިރޭސިވިލާތުން ހުރަސްއަޅާނެ ކަމުގެ އިޝަރާތެއް އެގައުމުގެ ޚާރިޖިއްޔާ އިން ދީފި އެވެ.


މަޝްހޫރު ގާޑިއަން ނިއުސް ވެބްސައިޓްގައި ބުނެފައި ވަނީ، ރާއްޖޭގެ 200 މޭލުގެ އެކްސްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ނުވަތަ ޚާއްސަ އިގްތިސާދީ ސަރަހައްދުގެ ބޭރުން ލިބެން ޖެހޭނެ ކަމަށް ބުނެ ދިވެހި ސަރުކާރުން ދައުވާކުރާ އެއްލައްކަ ފަސްދޮޅަސް އަށްހާސް އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދަކީ، އިނގިރޭސިންގެ ބާރު އޮންނަ ޗާގޯސް އައިލެންޑްސްގެ އީއީޒެޑްއާ ފުށުއަރާ ސަރަހައްދެއް ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުނާ ކަމަށެވެ.


ގާޑިއަން ނޫހުގައި އިތުރަށް ބުނެފައި ވަނީ، މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް، އިނގިރޭސިވިލާތުން ވަނީ އދ ގެ ކަނޑުތަކާ ބެހޭ ކޮމިޓީ އަށް ސިޓީ ހުށަހަޅާފައި ކަމަށާއި އެ ސިޓީގައި ރާއްޖޭގެ ދައުވާ ދިވެހި ސަރުކާރުން ތައްޔާރު ކުރިއިރު، ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ 200 ނޯޓިކަލް މޭލުގެ އިގްތިސާދީ ސަރަހައްދަށް ބަލާފައިނުވާ ކަމަށެވެ.


އިނގިރޭސި ހާރިޖިއްޔާއިން ބުނީ، ރާއްޖެއަށް ހައްގުވާ ކަނޑުގެ ސަރަހައްދު ހޯދުމަށް ކުރާ ދައުވާއަށް އެގައުމުން ދެކޮޅު ނަހަދާ ކަމަށާއި ކޮންމެ ގައުމަކުންވެސް އެފަދަ ދައުވާއެއް ކުރުމުން، އެކަމާ ގުޅޭ މަސްލަހަތު އޮންނަ އެހެނިހެން ގައުމުތަކަށް ފެންނަ ގޮތް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އެގައުމުން ސިޓީ ހުށަހެޅުމުގެ ބޭނުމަކީ، ރާއްޖެއިން ދައުވާ ކުރާ ސަރަހައްދުގައި ފުށުއެރުންތަކެއްވާކަން އދ ގެ ސަމާލުކަމަށް ގެނެސް ދިނުން ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.


މީގެ އިތުރުން، ރާއްޖެއާއި އިނގިރޭސިވިލާތަކީ ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށްވާތީ، ވީ އެންމެ އަވަސް ފުރުސަތެއްގައި މިކަމާ ގުޅޭ ގޮތުން ދެގައުމުގެ މެދުގައި މަޝްވަރާކޮށް، އިން ވަކިކުރުމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާނެ ކަމަށް ވެސް ސިޓީގައިވެއެވެ.


މިކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ.


ރާއްޖެއިން ދައުވާކުރާ ކަނޑުގެ ސަރަހައްދު ހަމަޖެހިއްޖެ ނަމަ، އެ ސަރަހައްދުގެ ކަނޑުގެ ފަސްގަނޑާއި، ފަސްގަނޑުގައިވާ ދިރުމާއި، އަދި ދިރުން ނެތް ތަބީއީ ހުރިހާ ތަކެއްޗާއި މައުދަނުގެ ބާވަތްތައް ބޭނުންކުރުމާއި އެ ނޫންވެސް އިގްތިސާދީ ބޭނުންތައް ހިފުމުގެ ބާރާއި، އެތަކެތީގެ މިލްކުވެރިކަން ރާއްޖެއަށް ލިބިގެންދާނެ އެވެ. އދ އިން މި ދައުވާ ބެލުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.