10 Jan 2013, 12:41
ހިއުމަން ޓްރެފިކިން އަށް ރައްޔިތުން ހޭލުންތެރި ކުރުވާ އެކަން ހުއްޓުވުމުގެ ގޮތުން ރާއްްޖޭގެ މީޑިއާ ތަކާއި ގުޅިގެން ފޮރިން މިނިސްޓްރީން ގައުމީ ފެންވަރުގެ ކެމްޕޭނެއް ފަށައިފި އެވެ.
އިއްޔެ މެންދުރު ފޮރިން މިނިސްޓްރީގައި ބޭއްވި ހަފްލާގައި "ބްލޫ ރިބަން ކެމްޕެއިން" ފެށުމުގެ ގޮތުން ރާއްޖޭގެ ބޮޑެތި 11 މީޑިއާ އަކުން ވަނީ ފޮރިން މިނިސްޓްރީއާ އެކު އެއްބާރުލުން ދިނުމުގެ އެއްބަސް ވުމުގައި ސޮއި ކޮށްފައިވެ އެވެ. އިއްޔެ ސޮއިކުރި މީޑިއާ ތަކުގެ ތެރޭގައި ހިމެނެނީ ސަން މީޑިއާ ގްރޫޕާއި ހަވީރު ނޫހާއި، އެމްބީސީ، ވީ މީޑިއާ، ދިއެފްއެމް، ވީކްލީ، ސީއެންއެމް، ރާއްޖެ ޓީވީ، ރޭޑިއޯ އެޓޯލްގެ އަދި "މިއަދު" ނޫހެވެ.
ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲ ވިދާޅުވީ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ރާއްޖެއިން ބައިނަލް އަގްވާމީ ފެންވަރުގެ ގިނަ މަސައްކަތްތަކެއް ކުރިނަމަވެސް މައްސަލައިގެ ބޮޑު ކަމާއި ނުރައްކާ ތެރިކަމުން މީހުންނަށް އަންގައިދޭން އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިނިސްޓްރީގެ ފަރާތުން އިސްނަގައިގެން ސްކޫލް ތަކަށާއި އެހެނިހެން ފަރާތްތަކަށް ޚާއްސަ ކެމްޕެއިން ތަކެއްވެސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މި ރާއްޖޭގައިވެސް ހިއުމަން ޓްރެފިކިން މައްސަލަ މިވަނީ ވަރަށް ބޮޑަށް ފެތުރިފައި. ރާއްޖެ މިހާރު މިއޮތީ ވޮޗްލިސްޓުގައިވެސް ހިމެނިފައި. މިކަމަށް ޚާއްސަ ސަމާލުކަމެއް ނުދެވި މި މައްސަލަ ކުރިއަށް ދާނަމަ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ބޮޑެތި މައްސަލަ ތަކަކާއި ކުރިމަތި ވެދާނެ،" ސަމަދު ވިދާޅުވި އެވެ.
ހިއުމަން ޓްރެފިކިން ގެ މާނައިގައި ހިމެނެނީ މީހެއްގެ ނާޖާއިޒު ފައިދާ ނެގުމަށް މީހަކަށް ވަޒީފާދީ އެއްތަނުން އަނެއް ތަނަށް އުފުލާ ބަދަލުކޮށް، މީހަކު ގެންގުޅެ، ލިބިގަނެ، އެމީހެއްގެ އިޚްތިޔާރުގައިވާ ކަންކަން އޭނާގެ ކިބައިން ނިގުޅައިގަނެ، އޭނާއަށް ބާރު ދެއްކުމަށް ބިރު ދެކުމާއި، ބާރުގެ ބޭނުން ކުރުމާއި، ނުވަތަ އެނޫންވެސް އެހެން ވަސީލަތެއް ބޭނުންކޮށްގެން މީހަކު ކަމަކަށް ހިތްޖެއްސުމާއި، ވަގަށް ނެގުމާއި، މީހަކަށް މަކަރު ހެދުމާއި، އޮޅުވާލުމާއި، ތިމާއަށް ލިބިގެންވާ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، މީހެއްގެ ނިކަމެތިކަމުން ފައިދާ ނެގުމާއި، ނުވަތަ ފައިސާ ދީގެން ނުވަތަ ފައިސާ ލިބިގެން، މިއިން ކަމެއް ކުރުމެވެ.
އިއްޔެ ވެވުނު އެއްބަސްވުމުގެ ދަށުން ކޮންމެ މީޑިއާ އަކުންވެސް ހިއުމަން ޓްރެފިކިންއަށް މީހުން ހޭލުންތެރި ކުރުމަށް ހާއްސަ ޕްރޮގްމްތަކާއި އާޓިކަލްތައް ގެނެސްދިނުމާއި އެކަމަށް ހާއްސަކޮށް އޮންއެއާ ޓައިމް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ހިއުމަންޓްރެފިކިންގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލަ އެކެވެ. އެމެރިކާއިން އަހަރަކު އެއްފަހަރު އެކުލަވާލައި ހިއުމަން ޓްރެފިކިން ވޮޗް ލިސްޓްގައި ރާއްޖެ އުޅެނީ އެ މައްސަލަ ނާޒުގު ގައުމު ތަކުގެ ލިސްޓްގަ އެވެ.