10 Jan 2013, 12:13
ވިކްޓަރީއަށް ހަތަރު އަހަރު ކުޅުމަށްފަހު މިދިޔަ ސީޒަންގައި 400،000ރ. އަށްވުރެ ކުޑަ ނޫން އަގަކަށް ނިއުރޭޑިއަންޓަށް ބަދަލުވި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ފަޒީލް(އޮއްޕޮ) މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއުއިން ނުފެންނާނެ ކަމަށް އެކުލަބުން މިއަދު ބުނެފިއެވެ.
ނިއު އިން އޮއްޕޮ ދޫކޮށްލިކަން، އެކުލަބުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަހީދު (ބަލަކް) ވެސް މިއަދު ވަނީ މީޑިއާ ކުރިމަތީގައި ޔަގީން ކޮށްދީފައެވެ."މިސީޒަނުގައި ނިއުއިން އޮއްޕޮ ނުފެންނާނެ. އޭނަ މިހާރު ވަނީ ކުލަބުން ދޫކޮށްލާފައި،"ބަލަކް ވިދާޅުވިއެވެ
ނިއު އިން އޮއްޕޮ ދޫކޮށްލިކަން ރަސްމީކޮށް އެކުލަބުން މިއަދު ބުނިއިރުު، އޮއްޕޮ ހޯދުމަށް މިއަހަރުގެ ފުޓްބޯޅަ ސީޒަނާ ކުރިމަތިލާ ވާދަވެރި ދެޓީމަކުން ވަނީ މަސައްކަތް ފަށައިފަ އެވެ.
ސަން އޮންލައިނަށް މައުލޫމާތު ލިބޭގޮތުން އޮއްޕޮ ހޯދުމަށް މާޒިޔާ އާއި ވެލެންސިޔާއިން މަސައްކަތް ކުރަމުން އަންނައިރު، އޭނަ މިވަގުތު ރާއްޖެއަކު ނެތެވެ.
ވެލެންސިޔާގެ ވައިސް ޗެއާމަން ބައްސާމް އަދީލް ޖަލީލް އިއްޔެ ސަންއޮންލައިނަށް ފޯނުން ދެއްވި ކުރު އިންޓަވިއު އެއްގައި ވިދާޅުވީ، މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް އަންނަ ހަފްތާގެ އާދިއްތަ ދުވަހު ކުލަބުގެ ފުރަތަމަ ފަރިތަކުރުންތައް ފެށުމަށް ނިންމި ކަމުގައި ވިޔަސް، ކުލަބުގެ ސްކޮޑް އަދިވެސް ވަރުގަދަ ކުރުމުގެ ގޮތުން މިހާރުވެސް އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހުސްވި ސީޒަންގައި އެންމެ ކާމިޔާބު ކުލަބު ނިއުއަށް ކުޅުނު އޮއްޕޮއާ ވާހަކަ ދައްކަމުންއަންނަ ކަމަށާއި އެހެން ނަމަވެސް މިވަގުތު އޭނަ ރާއްޖޭގައި ނެތުމުން އަދި މިވަގުތު ވަކިޖަވާބެއް ދޭން ދަތި ކަމަށް ބައްސާމް ވިދާޅުވި އެވެ.
ތިން ފަހަރެއްގެ މަތިން ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އޮއްޕޮ ހޯދުމަށް ބައެއް ކުލަބު ތަކުން މަސައްކަތް ފެށި ކަމުގައި ވިޔަސް، ހުސްވި އަހަރު އޮއްޕޮގެ އަސްލު ކުޅުން ނުފެނުނުއިރު، ހުސްވި ސީޒަންގައި އޭނާ އަށްވަނީ ގިނަ އަނިޔާގެ މައްސަލަ ތަކާވެސް ކުރިމަތި ލާންޖެހިފަ އެވެ.
އޮއްޕޮގެ ބަހެއް ހޯދުމަށް އިއްޔެއިން ފެށިގެން މިއަދާ ހަމައަށް ވެސް ސަންއިން ކުރި މަސައްކަތް އަދިވެސް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.