ފުލުހަކަށް ހަމަލާދޭން އުޅުނު މީހަކު 3000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ފުލުހަކަށް ހަމަލާދޭން އުޅުމުގެ ކުށުގައި 3000ރ. އިން ޖޫރިމަނާ ކޮށްފައި ވަނީ ހ. ދާލި އަހުމަދު އަމީގް ހުސެއިން އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ސެޕްޓެމްބަރު 25، 2011 ވަނަ ދުވަހު ލައިސަންސް ނެތި ސައިކަލް ދުއްވި މީހަކު ފުުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހާޒިރުކޮށްފައި ވަނިކޮށް، އެމީހާގެ ބެލެނިވެރިއެއްގެ ހައިސިއްޔަތުން އެތަނަށް ހާޒިރުވެ ހުއްޓާ އެމީހާ ދުއްވި ސައިކަލްގެ ތަޅުދަނޑި އަމީގު އަތަށް ދިނުމުން އެ ތަޅުދަނޑި ހަވާލުކުރުމަށް ފުލުހުން އެންގުމުން އޭނާ އެކަމަށް އިންކާރު ކުރި ކަމަށެވެ.

އެ ހުކުމްގައި ބުނަނީ ތަކުރާރުކޮށް ފުލުހުން ބުނުމުން ވެސް އެ ތަޅުނޑި ފުލުހުންނާ ހަވާލުނުކުރުމުން އޭނާ ހިފަހައްޓަން ފުލުހުން އުޅުމުން އޭނާގެ ފައިން ޕޮލިސް ކޯޕްރަލް އަގީލް އަހުމަދުގެ ގައިގައި ޖަހަން އުޅެފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އޭނާ ދައްކަންޖެހޭ 3000ރ. ރުފިޔާގެ ޖޫރިމަނާ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ހަލާސްކުރުމަށް ވެސް އަމީގްގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.