ޑްރަގް ކޯޓުގެ އަމުރަށް ހަދާ އިންޑިކޭޓިވް އެސެސްމަންޓް ރިޕޯޓުތަކުގައި ދައުވާލިބޭ ބައެއް މީހުން މެތަޑޯން ޕްރޮގްރާމުގައި ބައިވެރިކުރަން ފެންނަކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ބުނެފައި އޮތްނަމަވެސް މިއަދާ ހަމައަށް އެ އޭޖެންސީގެ ފަރާތުން މެތަޑޯން ޓްރީޓްމަންޓް ޕްލޭން ޑްރަގް ކޯޓަށް ހުށަހަޅާފައިނުވާކަމަށް ޑްރަގް ކޯޓުން މިއަދު ބުނެފި އެވެ.

ޑްރަގް ކޯޓުން ބުނީ މެތަޑޯން ޕްރޮގްރާމްގައި ބައިވެރިކުރުމަށް ފެންނަކަމަށް އެ އޭޖެންސީން ބުނިނަމަވެސް އެތަނުން ތައްޔާރުކޮށް އެ ކޯޓަށް ފޮނުވަންޖެހޭ މެތަޑޯން ޓްރީޓްމަންޓް ޕްލޭން ފޮނުވާފައި ނުވާތީ މެތަޑޯން ޕްރޮގްރާމްގައި ބައިވެރިކުރަން ޖެހޭ މީހުންގެ މައްޗަށް ރީހެބިލބިޓޭޝަން އަމުރު ކުރެވިފައިނުވާ ކަމަށެވެ.

އެ ޕްރޮގްރާމް ފިޔަވައި ކޮމިއުނިޓީ ރީހެބިލިޓޭޝަން ޕްރޮގްރާމާއި، ރެސިޑެންޝަލް ރީހެބިލިޓޭޝަން ޕްރޮގްރާމުގައި ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެދަށުން 71 މީހުން މިހާރުވެސް ފަރުވާ ހޯދަމުންދާ ކަމަށް ޑްރަގް ކޯޓުން ބުންޏެވެ.

މިކަމާ ގުޅޭގޮތުން ޑްރަގް އޭޖެންސީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.