ރާއްޖޭގެ ޓޫރިޒަމް ޕުރޮމޯޓްކުރުމުގެ މަސައްކަތްކުރާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަށް މިއަހަރު މަޖިލީހުން ކަނޑައަޅާފައިވާ ބަޖެޓް ކުޑަވުމުން ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރުމަށް ދަތިތަކަކާ ކުރިމަތިވާނެކަމަށް ޓޫރިޒަމް މިނިސްޓުރީން ބުނެފި އެވެ.

އެމްއެމްޕީއާރްސީ ހިންގެވުމާ ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓްރީގެ ނައިބު، މުހައްމަދު މަލީހު ޖަމާލު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިއަހަރު މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން އެކޯޕަރޭޝަނަށް ކަޑައަޅާފައިވާ 22 މިލިއަން ރުފިޔާއަކީ އެހެން އަހަރުތަކާ އަޅާބަލާއިރު ވަރަށް ކުޑަ ބަޖެޓެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 70 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު މިއަހަރު 50 މިލިއަން ރުފިޔާއަށް ޓާގެޓްކުރިކަމަށެވެ. އަދި ވިދާޅުވީ މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރޭއަހަރު ކަމަށްވާއިރު އެކަމަށް ހާއްސަކޮށް ގިނަ މަސައްކަތް ތަކަށް ކުރަން ޖެހޭއިރު މާ ކުޑަބަޖެޓެއް ލިބުމަކީ ބޮޑު އުދަގުލަކަށް ވާނެ ކަމަށެވެ.

"މިއަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް 40 އަހަރު ފުރޭ އަހަރު ކަމުން ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ އަހަރެއް މިއަހަރަކީ، އަދި ހަމަ އެހެންމެ ރާއްޖެއަށް އިތުރު ބެޑްތަކެއް އައިސް އިތުރު އެއާޕޯޓްތައް ހެދި ދެ އެއާޕޯޓެއް އިންޓަނޭޝަނަލް ކުރެވޭއިރު އެބަޖަހޭ ރަނގަޅަށް މީކެޓްކުރެވެން،" މަލީހު ވިދާޅުވި އެވެ.

ޓޫރިޒަމް އިޝްތިހާރު ކުރަން މަދުވެގެންވެސް 15 މިލިއަން ޑޮލަރު ކަނޑައަޅަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އެވަރުގެ ބަޖެޓެއް ކަނޑައަޅައި ދިނުމަށް ޓޫރިޒަމް މިނިސްޓްރީން މަޖިލީހަށް ސިޓީއެއްވެސް ފޮނުވި އެވެ.

މަލީހު ވިދާޅުވީ މިއަހަރަށް ރާއްވާފައިވާ ހަރަކާތްތަކުގެތެރޭގައި ބޭރުގެ ބޮޑެތި މީޑިއާތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ތަފާތު ހަރަކާތްތައް ހިނގުން ހިމެނޭ ކަމަށާއި ނަމަވެސް ލިބިފައިވާ ކުޑަބަޖެޓަކުން އެކަންތައްތައް ކުރެވޭނެކަމަށް ގަބޫލްނުކުރައްވާކަމަށެވެ. އަދި ރާއްޖެ އިސްތިހާރުކުރުމަށް ތަފާތު ގިނަ ފެއާތަކުގައި ބައިވެރިވުމަށް ނިންމާފައިވާއިރު އެ ބަޖެޓުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް މިގައުމަށް ގިނަ ޓޫރިސްޓުން ގެންނަންޖެހޭ، އޮކިއުޕެންސީ ހިފެހެއްޓެން އެބަޖެހޭ، ރަނގަޅު ފެންވަރުގެ ގެސްޓުން ގެވެންޖެހޭ، އެކަންކުރެވޭނީ އަންނަންތިބި މީހުންގެ ކައިރިއަށްގޮސް ރާއްޖޭގެ ރީތިކަން އެމީހުނަށް ކިޔާދީހަދައިދީގެން،" މަލީހު ވިދާޅުވި އެވެ.

ބަޖެޓްކުޑަ ވިނަމަވެސް ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ތައްޔާރަށް އޮތް ކަމަށާއި އަދި އިތުރު ބަޖެޓް ހޯދުމަށް ތަފާތު އެކި ގޮތްގޮތުން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މަލީހް ވިދާޅުވި އެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓް ކުޑަކަމަށް ބުނެ ދައުލަތުގެ އެކި ވުޒާރާތަކުން ދަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ޝަކުވާ ހުށަހަޅައި ސިޓީ ފޮނުވަމުން ނެވެ.

އަދި މިއަހަރަށް މަޖިލީހުން ފާސްކުރި 15.3 ބިލިއަން ރުފިޔާގެ ބަޖެޓް ދެކޮޅު ނުޖެއްސި އަހަރުގެ ވަކި ހިސާބަކުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހިދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދުވެސް ވަނީ ވިދާޅުވެފަ އެވެ.