10 Jan 2013, 10:52
އިނގިރޭސި ލީގު ކަޕުގެ ދެވަނަ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ސްޓެމްފޯޑް ބްރިޖްގައި ދޭއް ސުމަކުން ޗެލްސީ ބަލިކޮށް ސުވަންސީ ކަޕް ފައިންލާ ފިޔަވަޅެއް ގާތައް ޖެހިލައިފި އެވެ.
ދެވަނަލެގުގައި ޗެލްސީ މައްޗަށް ކުރިހޯދިއްޖެނަމަ ސަތޭކަ އަހަރު ގެ ދިގު އިންތިޒާރަކަށްފަހު މޭޖާ ޓްރޮފީއެއް ހާސިލުކުރުމަށް ސްވާންސީއަށް ލިބޭ މީ ރަނުގެ ފުރުސަތެކެވެ. އަދި މި މޮޅަކީ ވޭތުވެދިޔަ 87 އަހަރުގެ ތެރޭގައި ޗެލްސީގެ ދަނޑުގައި ސްވަންސީއަށް ހޯދުނު ފުރަތަމަ ކާމިޔާބު ވެސް މެއެވެ.
ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ކުޅެ އަދި މެޗު ކޮންޓްރޯލްކުރަމުން ދިޔަ ޗެލްސީ ކޮޅަށް ސްވަންސީގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ސެންޓްރަލް ބެކް ބްރަނިސްލާވް އިވަނޮވިޗަށް ހެދުނު ގޯހަކުން 39 ވަނަ މިނިޓުގައި މިގުއެލް މިޗޫ އެވެ.
އަދި ސްވަންސީގެ ދެވަނަ ލަނޑު ފަހުހާފުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށް މެޗުގެ ނަތީޖާ ކަނޑައެޅީ ފަހުހާފުގައި މިޗޫގެ ބަދަލުގައި ކުޅެންއެރި އެޓީމުގެ ޑެނީ ގްރަހަމް އެވެ. އެލަނޑަކީ އިވަނޯވިޗް ކީޕްރު ޓާންބުލް އަށްދިން ބެކްޕާގެއް ހޯދައިގެން ގަރްހަމް ކާމިޔާބުކުރި ލަނޑެކެވެ.
ޗެލްސީއިން ރޭގެ މެޗުގައި އިދިކޮޅު ގޯލަށް ޖުމުލަ 24 ހަމަލާ އުފެއްދި އިރު އޭގެތެރެއިން އަށް ހަމަލާ ވަނީ ގޯލަށް ދިމާކޮށްފަ އެވެ. އަދި މުޅި މެޗުގައިވެސް ވަރުގަދަ ޑިފެންސިވް ގޭމެއް ޖެއްސި ސުވަންސީއިން އުފެއްދި ފަސް ހަމަލާގެ ތެރެއިން 4 ހަމަލާ ގޯލާ ދިމާކޮށް ދެހަމަލާ ވަނީ ކާމިޔބު ކޮށްފަ އެވެ.
ޗެލްސީގެ ސަޕޯޓަރުންވަނީ ރޭގެ މެޗުގައިވެސް އެޓީމުގެ ވަގުތީ ކޯޗު ރަފައެލް ބެނިޓޭޒްއާ ދެކޮޅު ހެދުމުގެ ގޮތުން އަޑުއުފުލާފަ އެވެ. އަދި އޭނާ އަށް އެޓީމުގެ ފޭނުން މަރުހަބާ ނުކިޔާނެ ކަމަށްބުނެ އެމީހުން ޝުއޫރު ފާޅުކުރަމުން ގެންދިޔަ އެވެ.
ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗު ބުނެފައިވަނީ ފަހުހާފުގައި ޓޮރޭޒްގެ ބަދަލުގައި ކުޅެން އެރި ޑެމްބާ ބާ ޖެހިގޯލް ގަބޫލުނުކުރުމާއި އަދި ބާ ބޯޅަހިފައިގެން އެރިޔާތެރެއަށް ވަންނަނިކޮށް އިދިކޮޅު ކީޕަރު އޭނާ ވައްޓާލުމުން ޕެންލްޓީއެއް ނުދީ ބާއަށް ރީނދޫ ކާޑެއް ދެއްކުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.
"ކަލޭމެން ހަމައެކަނި ނަތީޖާއަށް ބަލައިފި ނަމަ އެންމެ ރަނގަޅު އެމީހުން މޮޅުވީ. އެކަމަކު މުޅި މެޗުއެއްކޮށް އެނަލައިޒް ކޮށްފި ނަމަ މެޗުތެރޭގައި ކަންތްއް ހިނގާފައި ވަނީ މުޅިން ތަފާތު ގޮތަކަށް ކަން އެނގޭނެ" ބެނިޓޭޒު ބުންޏެވެ.
"އަހަރެން މިބުނަނީ އަހަރެންގެ ލޮލަށް ފެނިފަ ހުރި ކަންތަގުގެ ވާހަކަ. ޗެލްސީ ވަނީ ފުރަތަމަ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެން ފަހުވަގުތާ ހަމައަށްވެސް މެޗުކޮންޓްރޯލްކޮށް ލަނޑުޖަހާނޭ އެތައް ފުރުސަތެއް ތަނަވަސްކޮށް އިދިކޮޅު ގޯލަށް 23 ހަމަލާ އުފައްދާފައި،" އޭނާ އިތުރަށް ކިޔައި ދިނެވެ.
އޭގެ އިތުރުން ބެނިޓޭޒް ބުނީ މެޗުގައި އޭނާގެ ކުޅުންތެރިން ކުރި މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށާއި އެމެޗު ޖެހިޖެހިގެން ދިހަފަހަރު ކުޅުވައިފި ނަމަ ނުވަފަހަރު އޭނާގެ ޓީމަށް ކާމިޔާބު ކުރެވޭ ވަރަށް އެމީހުން މަސައްކަތް ކުރިކަމަށެވެ.
"ޓީމުގެ މަސައްކަތާދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ. ދިހަފަހަރު އެމެޗު ކުޅެފިއްޔާ ނުވަ ފަހަރު އަހަރެއްމެން ކާމިޔާބު ކުރާނަން... އަހަރުމެން ރަނގަޅު ޓީމަކާއެކީ ކުޅެ އެޓޭކް ކުރިން، ގިނަވަގުތު ބޯޅަ ހިފެހެއްޓިން، އެކަމަކު ހެދުނު އެންމެ ދެގޯހެއްގެ ސަބަބުން މެޗުން ބަލިވީ" ޗެލްސީގެ ކޯޗު ބުންޏެވެ.
އަދި ބެނިޓޭޒް ބުނީ މެޗު އޮފިޝަލުންގެ ނިންމުންތަކާ ދޭތެރޭ އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި ބާ މެޗުގެ ފަހުހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކުރި ލަނޑަކީ އޮފްސައިޑް ލަނޑެއް ނޫން ކަމަށެވެ.
ސްވާންސީގެ ކޯޗު ބުނީ މައިކަލް ލައުޑްރަޕް ރޭގެ މެޗުން މޮޅުވުމުން އުފާ ކުރާކަމަށާއި އަދި ޗެލްސީގެ ދަނޑުގައި އެޓީމު ބަލިކުރެވުމަކީ އޭނާ ފަހުރުވެރި ވާ ކަމެއް ކަމަށެވެ.
"އަހަރުމެން މިސީޒަންގައި އެންފީލްޑްގައި ލިވަޕޫލް ބަލިކުރުމާއި އެމިރޭޓްސްގައި އާސެނަލް ބަލިކޮށް ފަހުރުވެރި ކާމިޔާބީ ތަކެއް ހޯދައިފިން. އެކަމަކު ޔޫރަޕްގެ ޗެމްޕިއަނުންގެ އަމިއްލަ ދަނޑުގައި އެޓީމުބަލިކުރެވުން ސިފަކުރަނީ 'ވަރަށް ހާއްސަ މަކެއް'ގެ ގޮތުގައި،" ސްވަންސީގެ ކޯޗު ބުންޏެވެ.
މިދެޓީމު ލީގުކަޕުގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ކުޅުމެޗް އޮންނާނީ، ސްވަންސީގެ ލިބަޓީ ސްޓޭޑިއަމްގައި ޖެނުއަރީ 23 ވަނަ ދުވަހު އެވެ.