10 Jan 2013, 10:12
ގއ. އަތޮޅުގެ ރަށްތަކަށް ފެރީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކުރި ޓްރޭނާސް މޯލްޑިވްސްގެ ފަރާތުން އެއަތޮޅަށް މިހާރު ފެެރީގެ ޚިދުމަތް ދެމުން އަންނަ ކަމަށް ބުނެ ބައެއް ޓީވީ ޗެނަލްތަކަށް ދޮގު އިންޓަވިއު ދެމުން އަންނަ ކަމަށާއި ނަމަވެސް ފެރީގެ ހިދުމަތް އޮތީ ހުއްޓި ގިނަ ދުވަސްވެފައި ކަމަށް ގއ. އަތޮޅު ކައުންސިލުން ބުނެފި އެވެ.
ގއ. އަތޮޅު ކައުންސިލް މެންބަރު އާމިރު އަލީ މިއަދު ވިދާޅުވީ އެ ކުންފުނީގެ ފަރާތުން އެ އަތޮޅުގެ ރަށްތަކަށް ދެމުންގެންދާ ފެރީގެ ޚިދުމަތް މެދުކަނޑާލާފައި ހުންނަތާ ހަތަރު މަސްދުވަސް ވެފައިވާކަމަށާއި ނަމަވެސް ފެރީގެ ޚިދުމަތް ބާރާބަރަށް ދެމުންގެންދާ ކަމަށް ބުނެ ބައެއް ޓީވީ ޗެނަލްތަކަށް ޓްރޭނާސް އިން އިންޓަވިއު ދެމުންގެންދާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފެރީގެ ޚިދުމަތް މެދުކެނޑިފައިވާތީ އެކަން ހައްލު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅައިގެން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ކުންފުނިކަމަށްވާ ޓްރޭނާސްއާ ގުޅުމުން އެތަނުން އެއްވެސްގޮތަކަށް ފޯނަށް ޖަވާބު ނުދޭ ކަމަށެވެ. އަދި އެ އަތޮޅުގެ ކައުންސިލުންނާއި ގިނަ ރައްޔިތުންގެ ފަރާތުން ކެނޑިނޭޅި އަތޮޅު ކައުންސިލަށް ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަތޮޅުގެ ރައްޔިތުން ބޭސްފަރުވާ ކުރުމަށާއި އެހެނިހެން މުހިންމު ޚިދުމަތް ހޯދުމަށް އަތޮޅުގެ ވެރިކަންކުރާ ވިލިނގިއްޔަށް ދާންޖެހޭ އިރު، އެކަމަށް ބޮޑެތި ޚަރަދުތައް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަތޮޅުގެ ހުރިހާ ރަށެއްގެ ސަރުކާރުގެ އިދާރާތަކުން މުސާރަނެގުމަށް ވިލިނގިއްޔާ ކުރާ ދަތުރުގެ ދެކޮޅު ޓިކެޓަށް 40 ރުފިޔާ ކުރިން ހަރަދު ކުރަންޖެހުނު ނަމަވެސް ފެރީގެ ހިދުމަތް ހުއްޓާލާފައިވާތީ އެކަމަށް މިހާރު 6،000ރ. ހަރަދު ކުރަންޖެހޭ ކަމަށާއި މިއަހަރު ލިބިފައިވާ ބަޖެޓަށް ބަލާއިރު އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.