ކަރަކާސް (ޖަނަވަރީ 10) : ވެނެޒުއެލާގެ ރައީސް ހޫގޯ ޗާވޭޒް ރިޔާސީ އައު ދައުރަކަށް ހުވާކުރެއްވުން ފަސްކުރެއްވުމަކީ ޤާނޫނީ ގޮތުން މައްސަލައެއް އޮތްކަމެއް ނޫންކަމަށް އެގައުމުގެ ސްޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ވެނެޒުއެލާގެ ސްޕްރީމް ކޯޓުން ބުނީ ޗާވޭޒްގެ ސިއްޙީ ސަބަބުތަކާ ގުޅިގެން ރައީސް ކަމުގެ ޤާނޫނީ ހުވާކުރެއްވުން ކަނޑައެޅިފައިވާ މުއްދަތަށްވުރެ ފަސްކުރެވިދާނެ ކަމެއް ކަމަށެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ކިޔުބާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކުރައްވާފައިވާ ޗާވޭޒް ރިޔާސީ އާ ދައުރަކަށް މިއަދު ގާނޫނީ ހުވާ ކުރެއްވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވެނެޒުއެލާ ސަރުކާރުން އިއްޔެވަނީ ބުނެފަ އެވެ.

ޗާވޭޒްގެ ސިއްހީ ހާލުކޮޅު މިވަގުތު ހުރިގޮތުން ރިޔާސީ އާ ދައުރަކަށް ހުވާކުރެއްވުމުގެ ކަންތައްތައް ފަސްކުރުމަށް އެގައުމުގެ ޕާލަމެންޓުގެ އަގްލަބިއްޔަތުންވެސް އިއްޔެ ވަނީ ނިންމާފަ އެވެ. ވެނެޒުއެލާގެ އިދިކޮޅު ފަރާތްތަކުންވަނީ ޗާވޭޒް ގެ ސިއްހީ މައްސަލާގައި ރައީސް ކަމުގެ ގާނޫނީ ހުވާކުރައްވަން އޭނާ މިދުވަސްވަރު އުޒުރުވެރިވެވަޑައިގަންނަވާތީ ގާނޫނީ ސުވާލުތަކެއް އުފައްދާފަ އެވެ.

މިމައްސަލާގައިކަންކުރާނެގޮތުގެ ގާނޫނީ އަމުރެއް ނެރެދިނުމަށް އެގައުމުގެ ސްޕްރީމް ކޯޓަށް ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އެންރީކީ ކެބްރީލީސްގޮވާލައްވާފައި ވެއެވެ. ވެރިކަމުގެ ހުވާ ޗާވޭޒަށް ނުކުރެއްވި ލަސްވުމަކީ ވެރިކަމަށް ސިއްހީ ގޮތުން އޭނާ ކުފޫ ހަމަނުވާކަން ހާމަ ކޮށްދޭ ކަމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ އާ އިންތިހާބަކަށްވެސް ގޮވާލާފަ އެވެ. (ބީ.ބީ.ސީ)