10 Jan 2013, 09:36
ރިޔާޟް (ޖަނަވަރީ 10) : ސައޫދީ އަރަބިޔާގެ ގެއެއްގައި ހާދިމާއެއްގެ ގޮތުގައި މަސައްކަތްކުރި ސްރީލަންކާގެ އަންހެނަކަށް ސައޫދީ ސަރުކާރުން އިއްޔެ މަރުގެ އަދަބު ދީފި އެވެ.
މިއަންހެން މީހާ (18 އަހަރު ނުފުރޭ އަންހެންކުއްޖާ) ގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭނާ ހިދުމަތްކޮށްދޭ ސައޫދީ ޢާއިލާގެ ކުޑަކުއްޖަކު މަރާލުމުގެ ކުށް ޝަރީއަތަށް ސާބިތުވެގެންކަމަށް ސައޫދީ ދާހިލީ ވުޒާރާއިން ބުނެ އެވެ. ސައޫދީ ނޫސް އެޖެންސީ (ސަބައު) ބުނިގޮތުގައި ރިޒާނާ ނެވިކް ނަމަކަށްކިޔާ 17 އަހަރުގެ މިއަންހެން މީހާއަށް މަރުގެ އަދަބު ދީފައިވަނީ ކަނޑިއަކުން އޭނާގެ ބޯ ބުރިކޮށްލައިގެންނެވެ.
މިއަންހެންމީހާ އޭނާ ހިދްމަތްކޮށްދޭ އާއިލާގެ ކުޑަކުއްޖާ މަރާލާފައިވަނީ އެކުއްޖާގެ ކަރުގައި ހިފައި ހާސްކޮށްލައިގެން ކަމަށާއި އަންހެން މީހާ މިޖަރީމާ ހިންގާފައިވަނީ އެކުއްޖާގެ މަންމަ (އޭނާ ޚިދްމަތްކުރާ ޢާއިލާގެ ބޮޑު އަންހެންމީހާ) އޭނާއާމެދު ޢަމަލުކުރާގޮތުން އަންހެންމީހާއާ އަރާރުންވެ ޒުވާބު ކުރުމަށްފަހުގައި ކަމަށް ސައޫދީ ނޫސް އެޖެންސީ ބުނެ އެވެ.
ސްރީލަންކާ ސަރުކާރުންވަނީ އެގައުމުގެ ޒުވާން އަންހެނެއް ކަމަށްވާ 17 އަހަރުގެ ރިޒާނާއަށް ސަޢޫދީ ސަރުކާރުން މަރުގެ އަދަބު ދިންކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އަންހެންމީހާގެ މައްޗަށް ކޮށްފައިވާ މީހަކު މެރިކަމުގެ ތުހުމަތަށް އޭނާ އިންކާރުކޮށްފައިވާތީ ކުށް ސާބިތު ކުރުމުގައި އިންސާފުނެތް ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފައިވެ އެވެ. މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި އަންހެންމީހާ ވަނި އޭނާ ބަލައި ބޮޑުކުރަމުން ގެންދިޔަ ސަޢޫދީ ކުއްޖާ މަރުވީ "ފެންބުއިމުގެ ތެރޭގައި އެކުއްޖާ ހާސްވެގެން ކަމަށް ބުނެ" ކުށަށް އިއުތިރާފް ވުމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް ކުއްޖާ މަރުވީ ކަރުގައި ހިފައިގެން ކަމަށް ފޮރިންސިކް ތަހުގީގު ތަކުން ސާބިތުވާ ކަމަށް ކޯޓުން ބުނެފައިވެ އެވެ.
ސްރީލަންކާ ސަރުކާރުންވަނީ އަންހެންމީހާ ހިދުމަތްކޮށްދިން އާއިލާގެ ފަރާތުން އޭނާގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށްބުނާ މައްސަލާގައި އަންހެންމީހާ އަށް އިންސާފު ލިބިފައިނުވާތީ ހިތާމަކުރާކަން ހާމަކޮށްފަ އެވެ. ސްރީލަންކާގެ ފަގީރު އާއިލާއަކަށް ނިސްބަތްވާ ރިޒާނާ، ސައޫދީ އަރަބިޔާއަށް ހާދިމާއެއްގެ ގޮތުގައި ގޮސް މަސައްކަތްކުރަން ފެށި ކަމަށްވަނީ 2005 ވަނަ އަހަރު އެވެ. އޭރު އޭނާއަކީ 10 އަހަރުގެ އަންހެން ކުއްޖެކެވެ. ކަރުގައި ހިފައި ހާސްކޮށްލައިގެން މަރާލި ސަޢޫދީ ކުއްޖާއަކީވެސް ރިޒާނާ ސައޫދީ އަރަބިޔާއަށް ގޮސް މީގެ އަހަރުތަކެއް ފެށިގެން ބަލަމުން ގެންދާ ކުއްޖެއް ކަމަށް ސްރީލަންކާ ސަރުކާރުން ބުނެފައިވެ އެވެ.
ސަތާރަ އަހަރުގެ ޒުވާން އަންހެންމީހާ ގެ ފުރާނަ ސަލާމަތްކުރުމަށް އެދި ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ސައޫދީ ރަސްގެފާނު ޢަބްދުﷲ ބިން އަބްދުލްޢަޒީޒަށް ވަނީ މިދިޔަ އާދިއްތަ ދުވަހު ސިޓީފުޅެއްވެސް ފޮނުއްވާފަ އެވެ. އަދި އިންސާނީ ޙައްހުތަކަށް މަސައްކަތްކުރާ ހުޅަނގުގެ ޖަމާއަތެއް ކަމަށްވާ "ހިޔުމަން ރައިޓްސް ވޮޗް" އިންވެސްވަނީ އަންހެންމީހާގެ އަދަބު ލުއިކޮށް ދިނުމަށް ސައޫދީ ސަރުކާރުގައި އެދިފަ އެވެ.
ނަމަވެސް ސަޢޫދީ ސަރުކާރުން އިއްޔެވަނީ ސްރީލަންކާގެ ޒުވާން އަންހެންމީހާ ގެ ބޯ ކަނޑާލައިގެން އޭނާއަށް މަރުގެ އަދަބު ދީފަ އެވެ. މިއީ 2013 ވަނަ އަހަރު ސައޫދީގައި މަރުގެ އަދަބު ދިން ދެވަނަ މީހާ އެވެ. އެންމެ ފުރަތަމަ މަރުގެ އަދަބު ދީފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމުގެ ކުށް ސާބިތުވެފައިވާ ސޫރިޔާގެ ރައްޔިތަކަށެވެ. ސައޫދީ އަރަބިޔާއަކީ މީހުން މެރުމާއި ރޭޕްކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށްސާބިތުވާ ފަރާތްތަކަށް މަރުގެ އަބަދު ދޭ ގައުމެކެވެ. މި ކުށްތަކުގައި މިދިޔަ އަހަރު 69 މީހަކަށް އެގައުމުގެ ސަރުކާރުން މަރުގެ އަދަބު ދީފައިވެ އެވެ. (ނޫސްއެޖެންސީތައް)