10 Jan 2013, 09:33
މިދިޔަ އަހަރު މީރާ މެދުވެރިކޮށް ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ 269.7 މިލިއަން ޑޮލަރަށް އަރާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ޑޮލަރުން ލިބުނު އާމްދަނީ ހަތަރު ޕަސެންޓަށް އިތުރުވެއްޖެ އެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީން ޑިސެމްބަރަށް މީރާއަށް ލިބިފައިވާ 269.6 މިލިއަން ޑޮލަރަކީ 2011 ވަނަ އަހަރު ލިބުނު 257.6 މިލިއަން ޑޮލަރަށް ވުރެ 11.9 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. އެއީ ހަތަރު ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ޑޮލަރުން އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޓީޖީއެސްޓީންނެވެ. އެ ގޮތުން ދައުލަތުގެ އާމްދަނީއަށް 101.8 މިލިއަން ޑޮލަރުވަނީ މީރާ މެދުވެރިކޮށް ލިބިފަ އެވެ. އެއީ އާމްދަނީގެ 35.8 ޕަސެންޓެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބުނީ ޓޫރިޒަމް ލޭންޑް ރެންޓުންނާއި ޓޫރިޒަމް ޓެކްސްއިންނެވެ. އާމްދަނީގެ 14.5 ޕަސެންޓް ހިއްސާ ކުރި އެބައިން 67.5 މިލިއަން ޑޮލަރު ލިބިފައިވާއިރު އާމްދަނީގެ 11.3 ޕަސެންޓް ހިއްސާ ކުރި ޓޫރިޒަމް ޓެކްސްއިން 52.6 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މިއަހަރު ޓީޖީއެސްޓީގެ ރޭޓް އަށް ޕަސެންޓަށް ބޮޑުވުމުން އަންނަ އަހަރު އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އެއާޕޯޓް ސާވިސްޗާޖްގެ ގޮތުގައި 19.6 މިލިއަން ޑޮލަރު ލިބިފައިވާއިރު ވިޔަފާރި ފައިދާގެ ޓެކްސްގެ ގޮތުގައި 12.3 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އަދި ޑިޔުޓީ ފްރީ ރޯޔަލްޓީގެ ގޮތުގައި 2.3 މިލިއަން ޑޮލަރު ލިބިފައިވާއިރު އެކިއެކި ޖޫރިމަނާ ތަކުގެ ގޮތުގައި 1.7 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. އަދި ސަރުކާރުގެ ބިންފަދަ ތަންތަން ވިއްކައިގެން 775،957 ޑޮލަރު ވަނީ ލިބިފަ އެވެ.
ޑޮލަރުން ލިބޭ އާމްދަނީއަކީ ރާއްޖެއަށް ވަރަށް މުހިންމެވެ. އެއީ ރާއްޖެއަށް ބޭނުންވާ ހުރިހާ މުދަލެއްހެން ޖެހެނީ ބޭރު ގައުމުތަކުން އިމްޕޯޓް ކުރާށެވެ. އިގްތިސޯދަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީވެސް ޑޮލަރު ތާށިވުމުގެ މައްސަލަ އެވެ. ޑޮލަރުގެ ރަސްމީ ރޭޓަކީ އެވްރެޖްކޮށް 15.42ރ. ކަމަށްވިޔަސް ޑޮލަރު ކަޅު ބާޒާރުގައި ވިއްކަނީ 16ރ އާއި 18ރ. ގެ ރޭޓެއްގަ އެވެ.
ޑޮލަރުން ލިބޭ އާމްދަނީ ގައުމުގައި ހިފެހެއްޓުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އިންޓަނޭޝަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިންވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ލަފާދީފަ އެވެ. އެގޮތުން ރިސޯޓްތަކަށް ޑޮލަރު މާރުކުރެވޭ އަދަދު ހަނިކޮށް ރާއްޖެއަށް އެތެރެވާ ފައިސާ އާއި ބޭރު ކުރެވޭ ފައިސާ ރަނގަޅަށް މޮނީޓާ ކުރުމަށްވެސް ހުށަހެޅި އެވެ.
މިދިޔަ އަހަރު ނިމުނުއިރު ދައުލަތަށް މީރާ މެދުވެރިކޮށް 7.1 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބުނުއިރު އެއީ 2011 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ދެހާސްއެގާރަ ވަނަ އަހަރު ލިބިފައިވަނީ 4.6 ބިލިއަން ރުފިޔާ އެވެ.