09 Jan 2013, 22:24
ގދ. މަޑަ ވެލީ އިންޖީނުގޭގައި ބޭނުންކުރަމުން ދިޔަ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން މުޅި ރަށުން ކަރަންޓް ހިނގައްޖެ އެވެ.
މަޑަވެލީ ކައުންސިލްގެ ރައީސް އީމާން މުހައްމަދު މިރޭ ވިދާޅުވީ އެރަށުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން މީގެ ތިން ދުވަސް ކުރިން ރަށުން ކަރަންޓް ކެނޑެމުން ކެނޑެމުން ގޮސް، މިރޭ އިރުއޮއްސުނީއްސުރެ މުޅި ރަށުން އެއްކޮށް ކަރަންޓް ގޮސްފައިވާ ކަމަށާއި މިރޭ އެރަށުގެ ރައްޔިތުން ހޭދަކުރަން ޖެހޭނީ ކަނު އަނދީރީގައި ކަމަށެވެ.
" ރޭ ފަތިހު ވެސް ކަރަންޓެއް ނެތް، މިއަދު ހެނދުނު ވެސް ކަރަންޓް ކެނޑުނު، ދެން މެންދުރު ވެސް ކަރަންޓް ކެނޑިފައިވަނީ، އިންޖީނުގޭގައި މިހާރު ހުރި އިންޖީނަށް ލޯޑު ބޮޑުވަމުން ދާތީ ދޭތެރެ ދޭތެރެއިން ޔުޓިލިޓީޒް އިން ގެންދަނީ ކަރަންޓް ކަނޑަމުން، ރޭގަނޑުގަޑީގައި މަގު ބައްތިތަކާ ބަނދަރު ބައްތިތައް ވެސް ކަނޑާލަފަ ހުންނަނީ، އެވަރުން ވެސް ހައްލެއް ނުލިބިގެން މިއަދު އިރު އޮއްސުނު ތަނާ މުޅި ރަށުން ކަރަންޓް ކަނޑައިގެން ދިޔައީ، މިހާރު އިންޖީނު ޖައްސައިގެން ކަރަންޓް ދެވޭނެ ކަމުގެ އުއްމީދެއް ނެތް އެހެންވެ އިންޖީނު ވަނީ އެއްކޮށް ބަންދުކޮށްފަ،" އީމާން ވިދާޅުވި އެވެ.
އަޕާ ސައުތް ޔުޓިލިޓީޒް މަޑަވެލީ އިންޖީނުގޭގެ އިންޗާޖު މުހައްމަދު ރަޝީދު މިރޭ ވިދާޅުވީ މުޅި ރަށުން ކަރަންޓް ކަނޑައިގެން ދިޔައީ ރަށުގައި މިހާރު ބޭނުން ކުރަމުން ގެންދާ 144 ވޯޓްގެ އިންޖީނުގެ ފިއުލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނަށް ތެޔޮ ފޯރުކޮށްނުދޭތީ އިންޖީނު ސްޓާޓް ނުކުރެވިގެން ކަމަށާއި ފިއުލް ޕަންޕެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިރޭ ކަރަންޓް ދެވޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
" އިންޖީނުގޭގައި ބޭނުން ކުރަމުންދާ ހަތަރު އިންޖީނުގެ ތެރެއިން ތިން އިންޖީނު ހަލާކުވެގެން މާލެ ގެންގޮސްފައިވީ ހަދަން ވެގެން، އެ އިންޖީނުތައް ހަލާކުވި އިރު މިހާރު ބޭނުން ކުރަމުންދާ ބޮޑު އިންޖީނުގެ ފިއުލް ޕަންޕް ހަލާކުވެގެން މާލެ ގެންދަން ވެގެން ދޯންޏަކަށް ލާފައި އޮތީ މައްސަލަތައް ދިމާވާތީ، އެހެންވެ އިމަޖެންސީ ހާލަތެއްގައި އޭތި އަނެއްކާ ވެސް ގެނެސްގެން ކަރަންޓް ދެމުން ގެންދަނިކޮށް މިހަލާކު ވީ، މިރޭ ވެސް ފިއުލް ޕަންޕެއް ލިބިއްޖެއްޔާ ކަރަންޓް ދެވޭނެ، އެކަމަކު ޔަގީން ކަމެއް ނެތް އެ ލިބިދާނެ ކަަމަކަށް،" ރަޝީދު ވިދާޅުވި އެވެ.
މަޑަވެލީގެ އިންޖީނުގޭގައި ބޭނުންކުރަމުން ގެންދިޔަ ހަތަރު އިންޖީނުގެ ތެރެއިން ތިން އިންޖީނަށް މިދިޔަ ޑިސެންބަރު މަހުން ފެށިގެން ޖެހެމުން ދިޔަ މައްސަލަތަކަށް ހަލެއް ނުލިބިގެން އުޅެނިކޮށް، އެ އިންޖީންތައް ހަލާކުވެގެން މާލެ ގެނެސްފައިވަނީ މި ޖެނުއަރީ މަހުގެ ތެރޭގަ އެވެ.