09 Jan 2013, 20:51
ވެރިކަން ބަދަލުވިގޮތް ބެލުމަށް ރައީސުލްޖުމްހޫއްރިއްޔާގެ ގަރާރަކުން އުފެއްދެވި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓް ދިރާސާ ކުރުމަށް ދެ ހަފްތާގެ މުއްދަތެއްގައި މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީގައި މަސައްކަތް ކުރާނެ، ބައިނަލް އަގުވާނީ ދެ މާހިރަކު ހޯދުމަށް އިއުލާން ކުރުމަށް ކޮމެޓީން ފާސްކޮށްފި އެވެ.
ކޯނީގެ ރިޕޯޓް ދިރާސާ ކުރަމުންދާ ސަރުކާރުގެ މައްސޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ކަމާބެހޭ މާހިރުން އެފަދަ ކަންތައްތަކަށް ހޯދުމުގެ އިހްތިޔާރާއި ބާރު ގާނޫނު އަސާސީންނާއި ގާނޫނުތަކުން ދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޯނީގެ ރިޕޯޓްގެ ދިރާސާއަށް ބޭރުގެ ފަރާތްތައް ހިމަނަނީ ކޮމެޓީން ކުރާ މަސައްކަތުގެ ސައްހަކަން ބައިނަލް އަގުވާމީ މުޖުތަމައިން ބަލައިގަތުމަށް ފުރުސަތު ހުޅުވާލުމަށް ކަމަށެވެ.
ކޮމެޓީއަށް ހުށަހަޅުއްވައި ފާސްކުރެއްވި ހުށަހެޅުމުގައި ވަނީ ކޯނީގެ ރިޕޯޓްގެ ދިރާސާއަށް ހޯދާ ފާރާތްތަކަކީ ގާނޫނީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރި ގާނޫނީ ވަކީލުންނަށް ވާންޖެހޭނެ ކަމަށާއި އެފަރާތަކީ ކޮމަންވެލްތުން ނުވަތަ ބައިނަލް އަގުވާމީ މުޖުތަމައުގެ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ގާނޫނު ހަދާ މަޖިލިސްތަކުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާން ޖެހޭނެ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.
އަލީ ވަހީދު ވިދާޅުވީ ކަމާބެހޭ މާހިރުން ހޯދުމަށް މާދަމާ މަޖިލީހުން އިއުލާން ކުރާނެ ކަމަށެވެ. ކޯނީގެ ރިޕޯޓްގެ ދިރާސާއަކަށް ބޭރުގެ ދެ މާހިރުން ހޯދާއިރު، ރައީސް މައުމޫނާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމިން ހިންގެވި ކަމަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތަހުގީގަށް ވެސް ބޭރުގެ މާހިރަކު ހޯދުމަށް ކޮމެޓީން ވަނީ ނިންމާފަ އެވެ. އަދި 800 މިލިއަން ޑޮލަރުގެ ތަހުގީގު ކުރުމަށް ކޮމެޓީގެ ހުރިހާ މެންބަރުން މެލޭޝިޔާ އާއި ސިންގަޕޫރާއި ބަރުމާއަށް ކުރާ ދަތުރުގައި އެފަދަ ބޭފުޅަކު ހިމެނުމަށް ވަނީ ނިންމާފަ އެވެ.