ކޯނީގެ ރިޕޯޓްގެ ދިރާސާއަށް ކުރީގެ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ އިސްވެރިން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ ކޮމެޓީއަށް ހާޒިރުކޮށް، ކުރައްވަމުން ގެންދަވާ މަސައްކަތަކީ "އެންމެ ބިރުވެރި، އެންމެ އާދަޔާހިލާފު، އަދި އެންމެ ކަންބޮޑުވުންތަކެއް ހުރި މަސައްކަތް" ކަމަށާއި މިއަދު ކޮމެޓީއަށް ހާޒިރު ކުރި އިންޓަލިޖަންސްގެ ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު ކޮމެޓީގައި ކީރިތި ކުރެއްވި ކަމަށް މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
~
މީޑިޔާތަކަށާއި ކޮމެޓީގައި ހިމެނިވަޑައިނުގަންނަވާ މެންބަރުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެން މިއަދު ކުރިއަށްދިޔަ ކޮމެޓީއަށް ހާޒިރު ކުރީ ޕޮލިސް އިންޓެލިޖެންސްޑިޕާޓްމަންޓްގެ ކުރީގެ ހެޑް މުހަންމަދު ހަމީދު (އެމްސީ ހަމީދު) އާއި އެމްއެންޑީއެފްގެ އިންޓެލިޖެންސްގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމް އެވެ. ނަމަވެސް އެ ބޭފުޅުންގެ ތެރެއިން ކޮމެޓީގައި ކީރިތި ކުރެއްވީ ކޮން ބޭފުޅެއް ކަމެއް އަލީ ވަހީދު ވިދާޅެއް ނުވެ އެވެ. އަދި އެ ބޭފުޅަކު ކީރިތި ކުރެއްވި ސަބަބެއް ވެސް އޭނާ ވިދާޅެއްނުވެ އެވެ.

ސަލާމަތީ ބާރުތަކުގެ ވެރިން ކޮމެޓިއަށް ހިއްސާ ކުރި އެއްވެސް "ކޮންޓެއް" އަލީ ވަހީދު މީޑިޔާއާ ހިއްސާއެއް ނުކުރައްވަ އެވެ.

"ކޮންޓެއްޓާ ގުޅޭ ކަމެއް އަޅުގަނޑަކަށް ނުދެންވެނޭ. ޖުމްލަކޮށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މިއީ މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑު ކުރާ އެންމެ ބިރުވެރި، އަދި އެންމެ އާދަޔާ ހިލާފު އަދި އެންމެ ކަންބޮޑުވުންތައް ހުރި އެއް މަސައްކަތް... އިބާރާތުގެ ގޮތުން ދަންނަވާލަން ބޭނުންވަނީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސްގައި އޭރު މަސައްކަތް ކުރެއްވެވި ބޭފުޅުން މިއަދު މި ރައްޔިތުންގެ މަޖިލީހުގައި ކީރިތި ކުރެއްވިއޭ،" އޭބޭފުޅުން ދެއްކި ވާހަކަތަކުގެ ކަންބޮޑުވުން ކުރި ވަރު ހާމަކޮށްދިނުމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރުގައި ސަލާމަތީ ބާރުތަކުގެ ޖާސޫސީވެރިންނަށް ތިއްބެވި ބޭފުޅުން މިއަދު ކޮމެޓީއަށް ދެއްވި މައުލޫމާތުތަކުން ސުވާލު އުފެދޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ސުވާލު އުފެދެނީ ކޯނީ ރިޕޯޓްގައި ބުނާ ކަންތައްތަކަށް ކަމެއް އަލީ ވަހީދު ވިދާޅެއް ނުވި އެވެ.

އޭނާ ވިދާޅުވީ ކޯނީއަށް ދީފައިވާ ބަޔާންތައް ސަރުކާރުން މަޖިލީހަށް ހިއްސާ ނުކުރުމުން، ދެން އަމަލު ކޮމެޓީން އަމަލު ކުރަން ނިންމާފައި ވަނީ ކޯނީއަށް ބަޔާންދެއްވާފައިވާ ބޭފުޅުންގެ ތެރެއިން "އަޅުގަނޑުމެން ނަތީއްޖާ ނެރެން ބޭނުންވާ" ބޭފުޅުންގެ ކޮމެޓިއަށް ހާޒިރުކޮށް ސުވާލު ކުރުން ކަމަށެވެ. އަދި އެއަށްފަހު ކޮމެޓީން ނިންމާނެ ގޮތެއް ކަނޑައަޅާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ ބޭނުންވީ ބަޔާންތައް އެކަމަކު ބަޔާންތައް. ދެން ބަޔާންތައް ނުލިބެންޏާ މެންބަރުންގެ އަމަލު ކުރަމުންދާ އުސޫލަކީ އޭގެ ތެރެއިން އެންމެ މުހިއްމު ކަމަށް ގަބޫލު ކުރެވޭ. އަޅުގަނޑުމެންގެ މަސައްކަތުގެ ނަތީއްޖާ ނެރެން ބޭނުންވާ ބޭފުޅުން ހާޒިރު ކުރުން. އެއަށްފަހު މެންބަރުން ނިންމަވާނީ އަޅުގަނޑުމެން ނިންމާނީ ކޮން ނިންމުމެއްތޯ،" އަލީ ވަހީދު ވިދާޅުވި އެވެ.