ދިވެހި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އަށް ހުށަހަޅައިފި އެވެ.

އެޗްޑީއެފްސީގައި ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އޮންނައިރު އައިއެފްސީ އާއި އޭޑީބީ ކޮންމެ ބަޔެއްގެ 18 ޕަސެންޓް ހިއްސާ އެ ކުންފުނީގައި އޮވެ އެވެ. އަދި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިއާގެ 15 ޕަސެންޓް ހިއްސާވެސް އެ ކުންފުނީގައި އޮވެ އެވެ.

ކޮރަޕްޝަންގެ މައްސަލަތަކަކަށް ތުހުމަތުކޮށް އައިއެފްސީ އާއި އޭޑީބީއަށް މައްސަލަތަކެއް ހުށަހެޅީ އެޗްޑީއެފްސީގެ ކުރީގެ އައިޓީ މެނޭޖަރު އިސްމާއިލް މަސްއޫދެވެ. އޭނާ ވަޒީފާއިން ވަކިކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ ފަހުކޮޅު އެވެ. ވަޒީފާޔާ ބެހޭ ޓްރެބިއުނަލް އިން އެ މައްސަލަ ނިންމާފައިވަނީ އޭނާ އަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލެވޭނެ ކަމަށެވެ.

ސަންއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިސްމާއިލް މަސްއޫދު ވިދާޅުވީ އޭޑީބީ އާއި، އައިއެފްސީން ރާއްޖޭގައި ހައުސިންގެ ކަންތައް ކުރިއަށް ގެންދިޔުމަށް ބޮޑެތި ލޯނުތަކެއް ދޫކޮށްފައިވީ ނަމަވެސް އެ ލޯނުތަކުގެ ބޭނުން އެޗްޑީއެފްސީން ނާޖާއިޒު ގޮތުގައި ނަގާފައިވާ ކަމަށާއި އެއީ ސީރިއަސް މައްސަލަތަކެއް ކަމަށް ވުމުން އެ ކަމުގައި ހިއްސާވާ ބައިނަލް އަގްވާމީ އިދާރާތަކާ ހަމައަށް ގެންގޮސްފައިވާ ކަމަށެވެ.

"މިމަހުގެ ކުރީކޮޅު އެ މައްސަލަ އަޅުގަނޑު އެ އިދާރާތަކަށް ހުށަހެޅީ، އެބޭފުޅުން އަޅުގަނޑަށް މެއިލް އިން ޖަވާބުދެއްވާފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ ދެ އިދާރާއިން މިހާރު އެ މައްސަލަތައް ބަލަމުން އަންނަ ކަމަށް،" މަސްއޫދު ވިދާޅުވި އެވެ. އޭނާ އިސްވެ ހުރެ މީގެ ކުރިން އެ މައްސަލަތައް ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށްވެސް ހުށަހަޅައިފަ އެވެ.

އޭޑީބީ އަށާއި އައިއެފްސީއަށް އިސްމާއިލް ހުށަހެޅުއްވި މައްސަލަ ތަކުގައި ބުނެފައިވަނީ އެޗްޑީއެފްސީގެ ދެ މުވައްޒަފަކު ގުޅިގެން ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން ލައިސަންސް ނުނަގައި ޑޮލަރުގެ މުއާމަލާތްތައް ކުރަމުން ގެންގޮސްފައިވާ ކަމަށާއި އެ ވިޔަފާރީގައި އެމީހުން މަކަރުހަދާ ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ ގިނަ މީހުންގެ އަތުން ފައިސާ އަތުލުމަށް ފަހު ފައިސާ ނުދީވާ ކަމަށެވެ. އެފައިސާ އަނބުރާ ރައްދުކުރުމަށް ގެ ހެދުމަށް ކަމަށް ބުނެ އޮޅުވާލައިގެން އެޗްޑީއެފްސީގެ މުވައްޒަފަކު އެތަނުން ހަތް ލައްކަ ރުފިޔާގެ ލޯނެއް ނަގާފައިވާ ކަމަށެވެ.

އަދިވެސް އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެޗްޑީއެފްސީގެ ބިޑެއް ސްރީލަންކާގެ "ސިނެޕްސިސް" ކިޔާ ކުންފުންޏަކަށް ދިނުމަށް އެތާންގެ އެމްޑީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށާއި ސްރީލަންކާގެ ސިނެފްސިސްއަށް އެ މަޝްރޫއަށް ބިޑް ހުށަހެޅުމަށް ފުރުސަތު ދިނީ ބިޑާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ބޭއްވި ސެޝަންއަށް ސިނެޕްސިސް ކުންފުނީގެ މަންދޫބެއްގެ ގޮތުގައި އެޗްޑީއެފްސީގެ މުވައްޒަފަކު އެމްޑީގެ އެންގުމަށް ބައިވެރިކޮށް ގެން ކަމަށެވެ.

އެ މައްސަލަތައް ހުށަހެޅުމުން އޭޑީބީ އާއި އައިއެފްސީން އޭނާއަށް ފޮނުވާފައިވާ އީމެއިލްތައް ވަނީ ސަން އޮންލައިންއަށް ލިބިފަ އެވެ. އެ އީމެއިލްތަކުގައި އެ ދެ އިދާރާއިންވެސް ބުނެފައިވަނީ އެ މައްސަލަތައް އެދެ އިދާރާއިން ތަހުގީގު ކުރާ މައްސަލަތަކުގެ ތެރޭގައި ފައިލް ކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް ބަލަމުން ދާނެ ކަމަށެވެ. އެ މައްސަލައިގައި އެޗްޑީއެފްސީގެ ބަހެއްވެސް އަދި ސަރުކާރުގެ ބަހެއްވެސް މިއަދު ވަނީ ލިބޭ ގޮތްނުވެފަ އެވެ.