09 Jan 2013, 19:48
ގއ. ވިލިނގިލީ އަތޮޅު ހޮސްޕިޓަލުން ފަރުވާ ނުދެވި 10 ގަޑި އިރު ފަހުން، އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެނަކު ސިޒޭރިއަން ހަނދަން އުޅެނިކޮށް ވިހެއުމުން، ދަރިފުޅާއި މައިމީހާގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި އައިސީޔޫގައި ފަރުވާދެމުން ދަނީ ގއ. ވިލިނގިލީ ތިންމާ، އައިޝަތު މިޒްނާ 26، އާއި އޭނާ ވިހެއި ދަރިފުޅަށެވެ. މިޒްނާގެ ދެވަނަ ދަރިފުޅަށް ބަލިވެ، ބަނޑުގައި ރިއްސާތީ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރޭ 10:00 ޖަހަން އުޅެނިކޮށެވެ. ނަމަވެސް ހޮސްޕިޓަލްގައި ގައިނީ ޑޮކްޓަރަކު ނެތް އިރު، ބަނޑުގައި އޮތް ދަރިފުޅުގެ ހާޓްބީޓް ބަލާނެ އާލާތްތަކެއް ވެސް އަތޮޅު ހޮސްޕިޓަލުގައި ނެތެވެ.
ހޮސްޕިޓަލްގައި ތިބި މެޑިކަލް އޮފިސަރުންގެ ލަފާގެ މަތިން އަވަސް ފަރުވާއަށް ބޭނުންވާ ކަމަށް ބުނުމުން އެމްއެންޑީއެފްގެ އެހީތެރި ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން އެދުނެވެ. އަދި ރަށު ކައުންސިލާ ގުޅިގެން ކުރި މަސައްކަތުން އެމްއެންޑީއެފްގެ ސަދަން އޭރިއާގައި އޮތް ހެލިކަޕްޓަރަށް އެ ރަށަށް ދެވުނީ ރޭ ފަތިހު 5:30 ވި ފަހުންނެވެ.
އޭރު މިޒްނާ ބަނޑުގެ ދުނލި ފަޅާއިގެން ލޭ އަންނަމުންދިޔަ ކަމަށް ގއ އަތޮޅު ހޮސްޕިޓަލުން ބުންޏެވެ. ހެލިކޮޕްޓަރަށް މައިމީހާ އެރުވިއިރު މަނާނުވެ، ލޭ އަންނަމުންދިޔުމުން މައިމީހާގެ ހާލު ސީރިއަސްވެފައިވާ ކަމަށް ވިލިނގިލީ ރަށު ކައުންސިލުން ބުންޏެވެ. ގއ. އަތޮޅު ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކާއި ދެ ނަރުހުންނާއެކު، ހެލިކަޕްޓަރު ގއ. ވިލިނގިލިން ނައްޓާލިއިރު، އިރުއަރައި 6:00 ޖަހައިފި އެވެ. ދޮޅު ގަޑިއިރުގެ ދަތުރަކަށްފަހު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް 7:30 ގައި އޮޕަރޭޝަން ތިއޭޓަރަށް މިޒްނާ ވައްދައި ސިޒޭރިއަން ހަދަން ހޮސްޕިޓަލުން އަވަސްވެގަތެވެ.
ނަމަވެސް ސިޒޭރިއަން ހެދުމުގެ ކުރިން މިޒްނާ ވަނީ ވިހައިފި އެވެ. ނަމަވެސް މިޒްނާގެ ފުރަތަމަ ދަރިފުޅު 'ނަގައިފައި' ވަނީ ސިޒޭރިއަން ހަދައިގެން ކަމަށް އެނގިފައިވެ އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު މިއަދު ވިދާޅުވީ އަންހެންމިހާ އާއި އޭނާ ވިހޭ ދަރިފުޅުގެ ހާލު ވެސް ސީރިއަސް ވެފައި ވަނީ، ވިއްސުން ލަސްވެގެންދިޔުމުން ކަމަށާއި މައިމީހާގެ ބަނޑުގެ ދުލި ފަޅައިގެން ގޮސް، ގިނައިރު ވަންދެން ލޭ ފޭ ބެމުން އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށެވެ. ނަމަވެސް މިހާރު މައިމީހާއާއި ދަރިފުޅުގެ ހާލު ކޮންމެ ވެސް ވަރަކަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.
"ކޮންމެ ގޮތެއްވިޔަސް އެހާ ގިނައިރު ނުވިއްސި މި ހިސާބަށް އައުމާ ހަމަޔަށް ލޭ ފޭބުމުން އެހެން ދިމާވެދާނެ. އެހެންވުމުގެ ސަބަބުން އެސްޕިރޭޓް ޑިސްޕެޗް [ހާލު ދެރަވެފައި] އެވަނީ. އެހެން ނަމަވެސް މިހާރު އެ ދެ މީހުން ވަނީ ސްޓޭބަލް ވެފައި،" ޝާހު ވިދާޅުވި އެވެ.
ގއ. އަތޮޅު ހޮސްޕިޓަލްގައި ހިދުމަތް ދެވޭ ވަރަށް ސާމާނު ނެތުމުގެ ސަބަބުން ގއ. އަތޮޅު ކައުންސިލުން ވަނީ އެކަމުގެ ކަންބޮޑުވުން މިއަދު ފާޅުކޮށްފަ އެވެ. އަދި އެ އަތޮޅުގެ ރަށްތަކުގައި ތަފާތު ބަލިތައް ފެތުރިގެންދާއިރު ބޭސްފިހާރަތަކުން ބޭސް ހުސްވެފައިވާ ކަމުގެ ޝަކުވާ ވެސް ވަނީކޮށްފަ އެވެ.