ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ގާނޫނު އަސާސީއާ ހިލާފުވެއްޖެ ކަމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ކޮމެޓީން އެގޮތަށް ނިންމާފައި ވަނީ ކޯނީގެ ރިޕޯޓްގެ ދިރާސާއަށް ކަމަށް ބުނެ ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކްއަރީ (ކޯނީ)ގެ ބަޔާންތައް ކޮމެޓީއަށް ފޮނުވުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަމަށް ރައީސް އޮފީހުން އިޖާބަ ނުދެއްވުމުންނެވެ. ކޮމެޓީން މިއަދު ނިންމީ ރައީސް ގާނޫނު އަސާސީގެ 99 ވަނަ މާއްދާއާ ހިލާފު ވެއްޖެ ކަމަށެވެ. އެ ނިންމުން ކޮމެޓީގައި ފާސްވެފައި ވަނީ ބައްދަލުވުމަށް ވަޑައިގެންނެވި ފަސް މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެ ހުށަހެޅުމާ ދެކޮޅަށް ވޯޓް ދެއްވީ ތިން މެންބަރުންނެވެ. އެއީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ޝަރީފާއި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކާއި ކުރެންދޫ ދާއިރާގެ މެންބަރު އަހުމަދު މޫސާ އެވެ.

ގާނޫނު އަސާސީގެ 99 ވަނަ މާއްދާއަކީ މަޖިލީހުގެ ކޮމެޓީއަށް ލިބިފައިވާ ބާރުތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ (ހ) ގައި ބުނަނީ ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކުން އަންގައިފިނަމަ ކޮންމެ މީހަކު ވެސް އެ ކޮމެޓީއަކަށް ހާޒިރުވެ ކޮމެޓީން އަންގާ ގޮތެއްގެ މަތިން ހެކިބަސް ދިނުމަށާއި މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު ކޮމެޓީއަށް ލިބިގެންވާ ކަމަށެވެ.

ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ މަޖިލީހުގެ އިދާރާގެ ގާނޫނީ ލަފާގެ މަތިން ކަމަށެވެ. އަދި އެ ނިންމުން މަޖިލީހުގެ ރައީސްއަށް ހުށަހެޅުއްވާނެ ކަމަށާއި މަޖިލީހުގެ ތަޅުމުން އެކަމަށް ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ހިތާމަ ކުރަން، އަޅުގަނޑުމެންގެ ގާނޫނު އަސާސީއާ ހަވާލާދީ ހުށަހެޅި ހުށަހެޅުމަކަށް ހިލާފުވެވަޑައިގެންފައިވާއިރު، އެ ސަބަބު ނުފޮނުއްވަވާ، ގާނޫނޫ ހުއްޖަތު މަޖިލީހަށް ފޮނުއްވެވި ނަމަވެސް ކައުންޓާ އާގިއުމަންޓް އޮތީސް. ނުވަތަ އަޅުގަނޑުމެންނަށް އިތުރަށް ވިސްނަން އިނގޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ކޮމެޓީން ފާސްކޮށްފައިވާއިރު، ކޯނީގެ ބަޔާންތައް ހޯދުމަށް މަޖިލީހުން އަމުރެއް ނެރުމަށް އެމްޑީޕީން ހުށަހެޅުމުން އެ ވޯޓް ވަނީ ނާކާމިޔާބުވެފަ އެވެ. އެ ވޯޓް ފާސްވުމަށްޓަކައި ހަ ވޯޓް ބޭނުންވެ އެވެ. ނަމަވެސް އަމުރު ނެރުމަށް ނެގި ވޯޓަށް ލިބުނީ ފަސް ވޯޓެވެ.