09 Jan 2013, 17:11
މާލޭގެ ގެއެއްގެ އެޕާޓްމަންޓަކުން ވައްކަން ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އާންމުކޮށް އެ މީހާ ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހަކީ ގދ.ގައްދޫ އަޅިފަށުއިގެ، މުހައްމަދު ޔަޒީން24، އެވެ.
ފުލުހުންގެ ތަރުޖަމާން ހަސަން ހަނީފް ވިދާޅުވީ ފުލުހުން އާންމުކޮށްފައިވާ ވިޑިއޯ އިން ފެންނަ މީހާ އަކީ މ. ގެދަ ގޭގެ ތިން ވަނަ ފަންގިފިލާއިން 12،000ރ. ގެ އަގުހުރި އެޗްޕީ ބްރޭންޑްގެ ލެޕްޓޮޕަކާއި 2500ރ. ގެ އަގުހުރި ޑިޖިޓަލް ގުރުއާނަކާއި 1542ރ. ގެ އަގުހުރި ހާޑެއްގެ އިތުރުން ދެ ޕެންޑްރައިވް ވަގަށް ނެގި މީހާ ކަމަށެވެ. އަދި އެ ވައްކަން ކޮށްފައި ވަނީ މި މަހުގެ ދެވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ 3322111 އަށް ނުވަތަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްދިނުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށް ހަނީފް ވިދާޅުވި އެވެ.
ފުލުހުން އާންމު ކުރި އެ ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާން ފިރިހެނަކު ސިޑިއަކުން މައްޗަށް އަރައި ލެޕްޓޮޕެއްލާފައި އޮތް ދަބަހެއް ހިފައިގެން ނުކުމެގެންދާ މަންޒަރު ފެނެއެވެ. އަދި އެ މީހާ އެތަނަށް ވަތްއިރު އޭނާގެ މޫނު ވެސް ރަނގަޅަށް ފެނެއެވެ.