ކުޑަކުދިންގެ ހިޔާއިން ދަންވަރުގެ ވަގުތެއްގައި ފިލައިގެން އުޅުނު ދެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ ހިޔާގައި އުޅެމުން ދިޔަ ދެކުއްޖަކު ފިލައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ހޯދަމުން ދަނިކޮށް، އެކުދިން ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އެދެކުދިންނަކީ 16 އަހަރާއި 15 އަހަރުގެ ދެ އަންހެން ކުދިން ކަމަށެވެ.

އެކުދިން މިހާރު ވީ ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޔުނިޓުގެ ބެލުމުގެ ދަށުގަ އެވެ.

ކުޑަކުދިންގެ ހިޔަލުގައި އުޅެމުން ގެންދާ ކުދިންގެ ތެރެއިން ފުރާވަރުގެ އަންހެން ކުދިން އެތަނުން ފިލައިގެން ނުކުމެ، ރަށު ތެރޭގައި އުޅެމުން ގެންދާ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.

ކުޑަކުދިންގެ ހިޔަލަކީ އަޅާލާނެ މައިން ބަފައިން ނެތިފައި ތިބި އުމުރުން 10 އަހަރުން ދަށުގެ ކުދިން ބެލުމަށް ސަރުކާރުން ގާއިމްކޮށްފައިވާ މަރުކަޒެކެވެ. ނަމަވެސް އެތަނުގައި 10 އަހަރުން މަތީގެ ކުދިން ވެސް ގެންދަނީ ބަލަހައްޓަމުންނެވެ. ކުޑަކުދިންގެ ހިޔާގައި ތިބި 10 އަހަރުން މަތީގެ އަންހެން ކުދިން އެ އަވަށުގައި ގާއިމުކޮށްފައިވާ ވިމެންސް ރިހެބިލިޓޭޝަން ސެޓަރަށް ބަދަލު ކުރުމަށް ޖެންޑާ މިނިސްޓްރީން މިދިޔަ އަހަރު ވަނީ ނިންމައިފަ އެވެ.